ENGLISH
09 ޖުލައި 2026
މެކްސިކޯގެ ކޯޗުގެ މަގާމަށް މާކޭޒް އައްޔަންކޮށްފި
09 ޖުލައި 2026
|
މެކްސިކޯގެ ކޯޗުގެ މަގާމަށް އައްޔަންކުރި ރަފައެލް މާކޭޒް --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
މެކްސިކޯގެ ކޯޗުގެ މަގާމަށް ރަފައެލް މާކޭޒް އައްޔަންކޮށްފައިވާ ކަމަށް އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފިއެވެ. އޭނާ މި މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި ހާވިއޭ އަގީރޭއަށް ފަހުގައެވެ.
އުމުރުން 47 އަހަރުގެ މާކޭޒް އަކީ ފީފާ ވޯލްޑް ކަޕް 2026 ގައި އަގީރޭގެ އެސިސްޓަންޓް ކޯޗެވެ. މި މުބާރާތުގައި މެކްސިކޯއިން ވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޮކްއައުޓް މެޗަކުން މޮޅުވެފައެވެ. ނަމަވެސް ގަދަ 16 ގައި އިންގްލެންޑް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ، މެކްސިކޯ ވަނީ މުބާރާތުން ކަޓާފައެވެ.
މާކޭޒް ހެޑް ކޯޗަކަށް އައްޔަންކުރުމަކީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ފެޑެރޭޝަނުން ފެށި "ޕްރޮޖެކްޓް 2030" ގެ ދަށުން ކުރިއަށްގެންދިޔަ ކަމެކެވެ. މިއީ ކުރިންވެސް ރޭވިފައިވާ ގޮތުގެ މަތިން، އަގީރޭގެ އެހީތެރިއެއްގެ ގޮތުގައި މާކޭޒް ބަހައްޓައިގެން އޭނާގެ ފަހުން މަގާމާ ހަވާލުވުމަށް ތައްޔާރުކުރުމަށް ނިންމާފައިވާ ނިންމުމެކެވެ.
އަގީރޭގެ ކޯޗުކަމުގެ ތިންވަނަ ދައުރުގައި އޭނާގެ އިރުޝާދުގެ ދަށުން މެކްސިކޯ ކުޅުނު 37 މެޗުގެ ތެރެއިން 22 މެޗުން މޮޅުވެ، 9 މެޗު އެއްވަރުވެ، އަދި 6 މެޗުން ވަނީ ބަލިވެފައެވެ. މީގެ ތެރޭގައި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ފުރިހަމަ ރިކޯޑެއް ހޯދުން ހިމެނެއެވެ. މީގެ އިތުރުން އޭނާގެ ބެލުމުގެ ދަށުން މެކްސިކޯއިން ވަނީ 2024/25 ގެ ކޮންކާކަފް ނޭޝަންސް ލީގާއި، 2025 ވަނަ އަހަރުގެ ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
މާކޭޒް ވަނީ މީގެ ކުރިން ޖެހިޖެހިގެން ފަސް ވޯލްޑް ކަޕެއްގައި މެކްސިކޯގެ ކެޕްޓަންކަން ކޮށްފައެވެ. ޤައުމީ ޓީމަށް 148 މެޗު ކުޅެދީފައިވާ މާކޭޒް ވަނީ 1999 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް ކަޕާއި، 2003 އަދި 2011 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.
އޭނާގެ ކޯޗިން ކެރިއަރު ފެށީ ސްޕެއިންގެ އާރްއެސްޑީ އަލްކާލާ އަދި ބާސެލޯނާ އެތުލެޓިކުންނެވެ. އޭގެ ފަހުން އޭނާ، އަގީރޭގެ ކޯޗިން ޓީމާ ގުޅުނީ ވޯލްޑް ކަޕް ކޮލިފައިންގެ ތެރޭގައެވެ.