ENGLISH

09 ޖުލައި 2026

Advertisement

"ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ދާއިރާގެ ފަންނުވެރީންނާ އެކު ވަޒީރު ހީނާ ޚިޔާލުބަދަލު ކުރައްވައިފި

09 ޖުލައި 2026

|

އަޙުމަދު ޙަމީދު

މިރޭގެ ބައްދަލްވުން --

ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް "ތަރިކަވެރިންގެ އަޑު"ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވަވައި، އެފަރާތްތަކާ އެކު ވަޒީރު ހީނާ ވަލީދު ޚިޔާލުބަދަލު ކުރައްވައިފި އެވެ.

މި ޚާއްޞަ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިރޭ ޤައުމީ ދާރުލްއާސާރުގެ ހޯލްގަ އެވެ.

މިއީ ދާއިރާގެ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެ، މި ފަންނުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ފެށްޓެވި މުހިންމު މަސައްކަތެކެވެ.

މި ބައްދަލުވުމުގައި ތަރިކަވެރިންނާ އެކު ވަޒީރު ހީނާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އެބޭފުޅުންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް އަޑުއައްސަވައި، ސަރުކާރާ ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާފަ އެވެ.

"އެއްބަޔަކު އަނެއްބަޔަކާ ދިމާވެ، ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއި، ވުޒާރާއާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިއްޖެ،" ބައްދަލުވުމަށް ފަހު ބައިވެރިންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، މި ބައްދަލުވުމަކީ މީގެ އުފާވެރި ފެށުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުން ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަކިވަކި ފޯކަސް ގުރޫޕު މަޝްވަރާތައް ތާވަލުކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން، މިއީ ސިލްސިލާ ހަރަކާތަކަށް ހަދައި، ޤަވާޢިދުން ތަރިކަވެރިންގެ އަޑު އެއްސެވުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ސަގާފީ ހަރަކާތްތަކާ އެކު ޝައުގުވެރި ގޮތަކަށެވެ. އޭގެ ތެރޭގައި އިހުގެ ދިވެހީންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުޞަތާއި، ކުދިކާތަކެތީގެ އިތުރުން، ދާރުލްއާސާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުޑަ މައުރަޒަކާއި، އޮށްވަޅުގޮނޑި އަދި ތިންހަމަ ފަދަ ބޯޑު ކުޅިވަރުތައް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު