ENGLISH
18 މޭ 2025
އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލުކުރުން ކުރިއަށް
08 މޭ 2025
|
އިންޑިޔާ އާއި ޕާކިސްތާނުން ވަރުގަދަ ވައިގެ ޙަމަލާތަކެއް އިއްޔެ ދިނުމާ އެކު، ދެ ޤައުމުގެ ދެމެދު އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާއިރު، ރޭ ވެސް ބޯޑަރު ހުރަސްކޮށް ދެ ޤައުމުގެ ސިފައިން ޙަމަލާތައް ބަދަލުކޮށްފިއެވެ.
އިންޑިޔާ ސަރުކާރުން ވަނީ، ކަޝްމީރު ބޯޑަރު ސަރަޙައްދުގައި އިންޑިޔާ އާއި ޕާކިސްތާނުގެ ސިފައިން ބަޑީގެ ޙަމަލާތައް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކަޝްމީރާމެދު އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ 80 އަހަރުވީ ދެބަސްވުމުގެ ތެރޭގައި، ފާއިތުވި މަހު ހަތިޔާރު އެޅި ބަޔަކު އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ ޕާކިސްތާނަށް އިންޒާރުތަކެއް ދީފައެވެ.
އިންޑިޔާއިން އިއްޔެ ރޭގެ ވަގުތެއްގައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އެޤައުމުން ފެށި އަސްކަރީ ހަރަކާތުގެ ތެރެއިން ކަޝްމީރުގައި ދިން ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.
އޭގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިޔާގެ ކަޝްމީރުގެ ބައެއް ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ، އިންޑިޔާގެ މި ޙަމަލާގެ ފުރިހަމަ ރައްދު ދޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.
ޕާކިސްތާނުގެ ކަޝްމީރުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ނުވަ ކޭމްޕެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.
އެ ޙަމަލާގެ ރައްދުގައި ޕާކިސްތާނުން ވެސް އިންޑިޔާގެ ކަޝްމީރުގެ ބައެއް ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައިވާއިރު، ދެ ފަރާތުގެ މި ކުރިމަތިލުމުގައި މިހާތަނަށް ޖުމްލަ 45 މީހަކު މަރުވެފައިވާއިރު، އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، އިންޑިޔާއިން ދިން ޙަމަލާގައި އާންމުންގެ 31 މީހަކު ވަނީ މަރުވެފައެވެ. އަދި ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި އާންމުންގެ 11 މީހަކު މަރުވެފައިވާ ކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ.
އަދި ޕާކިސްތާނުގެ ވައިގެ ސަރަޙައްދުން އިންޑިޔާގެ އަސްކަރީ ފަސް މަތިންދާބޯޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވިޔަސް، އެކަން އިންޑިޔާ ސަރުކާރުން އަދި ރަސްމީކޮށް ޔަޤީންކޮށްދީފައެއް ނުވެއެވެ.
އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ރޭގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް ޕާކިސްތާނު ސިފައިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދިން ޙަމަލާތަކުގެ ރައްދު ދީފައިވާ ކަމަށެވެ.
ނަމަވެސް، ރޭގެ ޙަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނުކަމެއް ދެ ފަރާތުން ވެސް އަދި ބުނެފައެއް ނުވެއެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.