ENGLISH
19 މޭ 2025
އިންޑޯ ހޭންޑްބޯލް ކޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި
07 މޭ 2025
|
ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: ޕީއެސްއެމް
މާލޭ ހޭންޑްބޯލް ސްޓޭޑިއަމްގައި ގާއިމްކޮށްފައިވާ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިންޑޯ ހޭންޑްބޯލް ކޯޓުގެ އަމަލީ މަސައްކަތް ފެށުމާ ގުޅޭ މަޢުލޫމާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ދެއްވީ ދާދިފަހުން ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާ ގުޅިގެން ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އެހެންނަމަވެސް މިއަހަރު ނިމޭއިރު މިހާތަނަށް ބޭނުންކުރަމުންއައި ކޯޓު ހިޔާކޮށްގެން ބޭނުންކުރެވޭވަރުވާނެކަމަށެވެ.
ވަޒީރުގެ ވާހަކައިގައިވަނީ، ހޭންޑްބޯލް ކޮމިއުނިޓީން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުންވީ ހޭންޑްބޯލް ކޯޓު ހިޔާކުރެވޭނެ ގޮތެއްވުން ކަމަށްވީހިނދު، އެކަމަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭ ރާއްޖެ ގެނެސް ނިމޭނެ ކަމަށް ފާހަގަކޮށްފައެވެ. އަދި، އެ މަސައްކަތްތައް ކުރުމަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ހަމަޖެހިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިންޑޯ ހޭންޑްބޯލް ކޯޓުގެ ފަހު އަދާހަމަ ހިއްސާކުރަމުން، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އިންޑޯ ހޭންޑްބޯލް ކޯޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. މީގެއިތުރުން، މިއީ ރާއްޖޭގެ އިންޑޯ ހޭންޑްބޯޅައިގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރާ ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ. އެތަން ހިޔާނުކޮށް އޮތުމުގެ ސަބަބުން ވިއްސާރަ އާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ވާހަކައަކީ އަބަދުވެސް ހޭންޑްބޯޅަ ކުޅުންތެރިންނާއި ކޯޗުން ފާހަގަކުރަމުން އައި ކަމެކެވެ. މިފަދަ ސަބަބުތަކަކާހުރެ އެތައް ފަހަރެއްގެ މަތީން މުބާރާތްތައް ދިގުލައިގެންގޮސް، މުބާރާތްތަކުގެ ކަލަންޑަރަށް ވެސް ބަދަލުގެންނަން ޖެހިފައިވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.