ENGLISH
19 މޭ 2025
ބައިވަރު ކްލަބްތަކުން ބްރޫނޯ ބޭނުންވޭ، އެކަމަކު ދުލެއް ނުކުރާނަން: އަމޯރިމް
07 މޭ 2025
|
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ބައިވަރު ކްލަބްތަކުން ބޭނުންވާ ކަމަށާއި، އެކަމަކު ޔުނައިޓެޑުން ބްރޫނޯ ދޫނުކުރާނެކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑުން ބްރޫނޯއާ، 30އ، އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. މި ފަހަކަށް އައިސް ބްރޫނޯގެ ވާހަކަ މީޑިއާގައި ބޮޑަށް ދެކެވެންފެށީ ސައުދީ އަރަބިއާގެ އަލް ހިލާލުން ބްރޫނޯ ގެންދަން ބޮޑު އަގެއް ހުށަހަޅަން އުޅޭކަމަށް ރިޕޯޓްވުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އަލް ހިލާލުން ބޮޑު އަގެއް ބްރޫނޯއަށް ހުށަހަޅަނީ އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތުގެ ކުރިން ގެންދާށެވެ. މުޅިން އާ ފޯމެޓެއްގައި އަލަށް ފަށާ ފީފާ ވޯލްޑް ކަޕްގައި އަލް ހިލާލް ވާދަކުރާނެއެވެ.
"ބްރޫނޯ ކަހަލަ ކުޅުންތެރިން ބައިވަރު ކްލަބްތަކުން ބޭނުންވޭ. އެއީ ލީޑަރެއް އަދި ކެޕްޓަން. ވަރަށް މުހިއްމު ކުޅުންތެރިއެއް. ފެންވަރު މަތީ ކުޅުންތެރިން އަހަރެމެން މަޑުކުރުވަން ޖެހޭ" ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި އަމޯރިމް ބުންޏެވެ.
އަމޯރިމް ބުނީ މި ސީޒަނަށްފަހު އިތުރަށް ފަންޑު ހޯދަން މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލަން ޖެހޭނެ ކަމަށެވެ. އެކަމަކު އެންމެ މޮޅު ކުޅުންތެރިން ޓީމުން ދޫނުކުރާނެކަން ޔަގީންކަމާ އެކު އެމޯރިމް ބުންޏެވެ.
"އަހަރެމެންގެ ވިސްނުމެއް ބަދަލެއް ނުވޭ. އެންމެ މޮޅެތި ކުޅުންތެރިން ކްލަބުގައި ބައިތިއްބާނަން. ބްރޫނޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނަ މިި ކްލަބުގައި ބަހައްޓަން ބޭނުން" އަމޯރިމް ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބީއެއް ލިބެން އޮތީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ބިލްބާއޯ އަތުން ހޯދި ބޮޑު މޮޅާ އެކު ފައިނަލުގެ ފުރުސަތު އެޓީމަށް ވަނީ ބޮޑުވެފަ އެވެ.
ޔުނައިޓެޑްގައި މިދިޔަ ފަސް އަހަރު އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ ބްރޫނޯ އެވެ. މި ސީޒަނުގައި ބްރޫނޯ ވަނީ މިހާތަނަށް 19 ގޯލު ޖަހައި 18 ގޯލު ޖަހަން އެހީތެރިވެފައެވެ.
މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.