ENGLISH

18 މޭ 2025

Advertisement

އިންޑިޔާއިން ޕާކިސްތާނަށް ހަމަލާތައް ދޭން ފަށައިފި

07 މޭ 2025

|

ޝިފްޒާން އަޙްމަދު

ޕާކިސްތާނުގެ ކަޝްމީރުގެ މުޒައްފަރު އާބާދަށް އިންޑިޔާ އަސްކަރިއްޔާއިން ދިން ހަމަލާތަކުގެ ތެރެއިން، ފޮޓޯ: ރޮއިޓާސް

އިންޑިޔާއިން ޕާކިސްތާނަށް ދިން ހަމަލާތަކެއްގައި މަދުވެގެން އަށް މީހަކު މަރުވެފައިވާކަމަށް ބުނެ، އިންޑިޔާގެ މި ހަމަލާއަކީ ކަނޑައެޅިގެން ހަނގުރާމައިގެ އަމަލެއްކަމަށް ޕާކިސްތާނުން ސިފަކޮށްފިއެވެ. 

ކަޝްމީރާމެދު އިންޑިޔާއާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ 80 އަހަރުވީ ދެބަސްވުމުގެ ތެރޭގައި، ފާއިތުވި މަހު ހަތިޔާރު އެޅި ބަޔަކު އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިންވަނީ ޕާކިސްތާނަށް އިންޒާރުތަކެއް ދީފައެވެ. އިންޑިޔާއިން ތުހުމަތުކުރާ ގޮތުގައި މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހެނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނެވެ. ނަމަވެސް ޕާކިސްތާނުންވަނީ އެ ހަމަލާތަކާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ. 

އިންޑިޔާއިން މިއަދު ބުނި ގޮތުގައި އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އެގައުމުން ފެށި އަސްކަރީ ހަރަކާތުގެ ތެރެއިން ކަޝްމީރުގައި ދިން ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް އިންޑިޔާގެ އަސްކަރިއްޔާއިން ހަމލާތައް ދީފައިވެއެވެ. ޕާކިސްތާނުނެް ބުނި ގޮތުގައި އެ ގައުމުގެ އެތެރޭގެ ހަ ތަނަކަށް އިންޑިޔާއިން ހަމަލާދީފައިވެއެވެ. 

އިންޑިޔާގެ އަސްކަރީ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި މި ހަމަލާތައް އަމާޒުކުރީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ދެ ޖަމާއަތްކަމަށްވަ ޖައިޝެ މުހައްމަދާއި ލަޝްކަރެ ތައިބާގެ މައި މަރުކަޒުތަކަށެވެ. އަދި އިންޑިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާ ތަންފީޒުކުރުމުގައާއި އަމާޒުފަތްގަނޑުތައް އިހުތިޔާރުކުރުމުގައި ވަރަށް ބޮޑަށް ހިފަހެއްޓުންތެރިކަން އިސްކޮށްފައިވާނެއެވެ. 

ޕާކިސްތާނުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އިންޑިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ނުވަދެ، ދުރުރާސްތާއަށް ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރުގެ ޒަރީއާއިން ޕާކިސްތާނުގެ ސިޔާދަތީ ސަރަހައްދުގެ ތެރެއަށް ހަމަލާތައް ދީފައިވާކަމަށާއި، އެއީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ. އަދި އެހަމަލާތައް އަމާޒުކުރީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމުގައިވެސް ޕާކިސްތާނުން ތުހުމަތުކުރެއެވެ. 

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާތަކުގައި 35 މީހަކަށް އަނިޔާވެ، ދެ މީހަކު ގެއްލިފައިވެއެވެ. އަދި މަރުވި މީހުންގެ އަދަދު އަށަކަށް އަރައެވެ. 

އިންޑިޔާގެ ސީއެންއެން ނިއުސް-18 ޗެނަލުން ރިޕޯޓުކުރި ގޮތުުގައި މި ހަމަލާތަކުގައި 12 މީހަކު މަރުވެ، 55 މީހަކަށް އަނިޔާވެފައިވެއެވެ. 

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އިންޑިޔާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މުޅިންވެސް މަދަނީ އަމާޒުފަތްގަނޑުތަކަށެވެ. އެގޮތުން ދެ މިސްކިތަކަށް އިންޑިޔާއިން ހަމަލާދިންކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

މި ހާލަތާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ޕާކިސްތާނުން މިހަމަލާތަކަށް ރައްދު ދޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު