ENGLISH

18 މޭ 2025

Advertisement

އުރީދޫ އާއި އެމްއެމްޕީއާރްސީ އިން ތާރީޚީ ޕާޓްނަރޝިޕެއް ޤާއިމުކޮށްފި

06 މޭ 2025

|

މުޙައްމަދު އަދުހަމް

އުރީދޫ މޯލްޑިވްސް އާއި އެމްއެމްޕީއާރްސީ މެދުގައި ޤާއިމުކުރެވުނު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެދުގައި ތާރީޚީ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުން އެހެން ހަރުފަތަކަށް ގެންގޮސްފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާޒްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަސްމީކޮށް އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމަރ އޮފިސަރ ބިލާލް ކަޒްމީ ސޮއިކުރެއްވިއިރު، އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ އެވެ.

މި ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫގެ އޮޕަރޭޓިންގ ކުންފުނިތައް މެދުވެރިކޮށް ރާއްޖެ އަކީ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިސްތިހާރުކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން، މި ޕާޓްނަރޝިޕް މެދުވެރިކޮށް، އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރްސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިންގ މަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އުރީދޫ މޯލްޑިވްސްއާ އެމްއެމްޕީއާރްސީ މެދުގައި ޤާއިމުކުރެވުނު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އުރީދޫ މޯލްޑިވްސް

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައި އެމްއެމްޕީއާރްސީއާ ގުޅިގެން މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ޝަރަފެއް ކަމަށެވެ.

އަދި، އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއެކު، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގުވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރުވީ، ދިވެހިރާއްޖެ އަށް ދަޢުވަތުދިނުން ކަމަށް ވެސް ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

"އުރީދޫއާއެކު މި ސޮއިކުރެވުނު ޕާޓްނަރޝިޕްގެ ސަބަބުން ދުނިޔޭގެ މުހިއްމު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ނަން އިޝްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެ. ބައިނަލްއަގުވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވޯކް ހުރުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގުހުރި ފުރުޞަތެއް، " - އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ 

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އިން ސްޓްރެޓެޖިކް ކޯލަބްރޭޝަންގެ ޒަރިއްޔާއިން ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭއިރު، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ މުހިންމު ދާއިރާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެއެވެ.

އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ. --ފޮޓޯ: އުރީދޫ މޯލްޑިވްސް

މީގެއިތުރުން، ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ފައްކާވަމުން އަންނައިރު، އުރީދޫ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރާއްޖެއަށް ގިނަ ބަޔަކު ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.

މިއާއެކު، މުޅިއެކު 147 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ވިޒިޓް މޯލްޑިވްސް އިޝްތިހާރުވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އާއި އެމްއެމްޕީއާރްސީން އުއްމީދުކުރެއެވެ.

މިއީ "ވިޒިޓް މޯލްޑިވްސް" ގެ ބްރޭންޑް އިތުރަށް ފުޅާކުރުމަށް ބައިނަލްއަގުވާމީ ގޮތުން އުރީދޫ ގްރޫޕުގެ އެހީގައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު