ENGLISH

18 މޭ 2025

Advertisement

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން އުޅޭ އިޒްރޭލާ އެކު ސުލްޙައިގެ އިތުރު މަޝްވަރާއެއް ކުރަން ޙަމާސްއިން ދެން ބޭނުމެއް ނޫން

06 މޭ 2025

|

ހަސަން އާމިރު

ހަނގުރާމައިގެ ނަމުގައި، ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ހައިހޫނުކަމުގައި ބައިތިއްބައިގެން، އިޒްރޭލުގެ ހަރުކަށި އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން، ސުލްޙަ ޤާއިމުކުރުމުގެ އިތުރު މަޝްވަރާއެއް ކުރަން ބޭނުންނުވާ ކަމަށް ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޣައްޒާގައި ޙަމަލާތައް އަނެއްކާވެސް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޤަތަރާއި ތުރުކީ އިސްވެ މަސައްކަތް ކުރަމުންދާއިރު، އެ މަޝްވަރާތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޤަތަރުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބުނެފައެވެ.

ނަމަވެސް، އޭގެފަހުން އެކަމުގެ އެއްވެސް މަޢުލޫމާތެއް ތިލަވެފައެއް ނުވެއެވެ.

ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމަށްވާ ބައްސާމް ނާއިމް "އޭއެފްޕީ" ނޫހަށް ބުނީ، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން، ނަޞްލު ހޭދަ ކުރުމުގެ ޢަމަލުތައް އިޒްރޭލުން ހިންގަމުންދާއިރު، ސުލްޙަ ޤާއިމުކުރުމުގެ އިތުރު މަޝްވަރާއެއް އިޒްރޭލާ އެކު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި އޭނާ ވަނީ، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރެޝަރުކޮށްގެން، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައިދޭން ދުނިޔެއަށް ގޮވާލައިފައެވެ.

ސުލްޙައިގެ އިތުރު މަޝްވަރާއެއް ކުރަން ބޭނުންނުވާކަން ޙަމާސްއިން ހާމަކޮށްފައި މިވަނީ، މުޅި ޣައްޒާއަށް ވެރިވެގަތުމަށް އިޒްރޭލުން ރާވާފައިވާ ޕްލޭނެއް އިޒްރޭލުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ ޕްލޭނުގެ ދަށުން، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް އިޒްރޭލުގެ ސިފައިން ވެރިވެގަނެ، ޣައްޒާއަށް ވައްދާ ހުރިހާ އެހީއެއްގެ ކޮންޓްރޯލް ނަގަން ވެސް ވަނީ ރާވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު