ENGLISH
18 މޭ 2025
ޔޫކްރޭނުގެ ޑްރޯން ޙަމަލާތަކާ ގުޅިގެން މޮސްކޯގެ އެއާޕޯޓުތައް ބަންދުކުރަން ޖެހުނު: ރަޝިޔާ
06 މޭ 2025
|
ވިދިވިދިގެން ދެވަނަ ރޭ، ރަޝިޔާގެ ވެރިރަން މޮސްކޯއަށް ޙަމަލާދިނުމަށް ޔޫކްރޭނުން ޑްރޯންތައް ފޮނުވަމުން ގެންދިޔުމާ ގުޅިގެން، އެ ސިޓީގެ އެއާޕޯޓުތައް ބަންދުކުރަންޖެހުނު ކަމަށް ރަޝިޔާއިން ބުނެފިއެވެ.
ޑްރޯން ބޭނުންކޮށްގެން ޙަމަލާދޭން މަސައްކަތް ކުރުމާއެކު، މޮސްކޯގައި ހުންނަ މައި ހަތަރު އެއާޕޯޓު ވެސް ވަނީ އެތައް ގަޑިއިރަކަށް ބަންދުކޮށްފައެވެ. ނަމަވެސް، އޭގެފަހުން މިހާރު އެއާޕޯޓުތައް އަލުން ހުޅުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.
މޮސްކޯގެ މޭޔަރު ވިދާޅުވި ގޮތުގައި، އެކި ދިމަދިމާލުން މޮސްކޯއަށް ޙަމަލާ ދިނުމަށް އައި ޖުމްލަ 19 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. ވައްޓައިލި ޑްރޯންތަކުގެ ބައިތަކެއް، މޮސްކޯގެ ހައިވޭއަކަށް ވެއްޓުނު ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޮސްކޯގެ އިތުރުން ރަޝިޔާގެ އިތުރު ދެ ސިޓީއަކަށް ވެސް ޑްރޯން ބޭނުންކޮށްގެން ޙަމަލާދިނުމަށް ޔޫކްރޭނުން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިއީ ޑްރޯން ބޭނުންކޮށްގެން ޙަމަލާދިނުމަށް ޔޫކްރޭނުން މަސައްކަތް ކުރި ދެވަނަ ރޭ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ. މިގޮތުން، ހޯމަ ދުވަހުގެ ރޭ ވެސް ޔޫކްރޭނުން ފޮނުވައިލި 26 ޑްރޯން ވައްޓާލާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ޔޫކްރޭނުން ރަޝިޔާއަށް ދޭ ޙަމަލާތައް ވަރުގަދަ ކުރަން އަނެއްކާވެސް މަސައްކަތް ފަށާފައިމިވަނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ޔޫކްރޭނަށް ޙަމަލާދިނުން މެދުކަނޑައިލަން ރަޝިޔާއިން ނިންމައި، އިޢުލާނުކޮށްފައިވަނިކޮށެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމުމަކަށް އައުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ ދުވަސްކޮޅާ ދިމާކޮށް، ޙަމަލާތައް މެދުކަނޑައިލުމަށް ޔޫކްރޭނުން ވެސް އިޙްތިރާމް ކުރުމަށް ރަޝިޔާއިން ވަނީ އެދިފައެވެ.
ނަމަވެސް، އެކަމަށް އެއްބަސްވާނެކަމެއް ޔޫކްރޭނުން އަދި މިހާތަނަށް ރަސްމީކޮށް ބުނެފައެއް ނުވެއެވެ.
އޭގެ ބަދަލުގައި، ޔޫކްރޭނުން ވަނީ މަދުވެގެން 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަށް ރަޝިޔާއަށް ގޮވާލައިފައެވެ.
ނަމަވެސް، ސުލްޙައިގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދައި، ރަޝިޔާއިން ބުނެފައިވަނީ، ތިން ދުވަހުގެ މުއްދަތަށް ޙަމަލާތައް މެދުކަނޑައިލަނީ، ދިގު މުއްދަތަކަށް ސުލްޙަ ދެމެހެއްޓުމަށް ދެ ޤައުމު ވެސް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރަން ކަމަށެވެ.