ENGLISH
06 މޭ 2025
ނިއު ކައިރީގައި މާޒިޔާ އިން ފެންވަރު ދައްކާލައިފި
05 މޭ 2025
|
މާޒިޔާއާ ނިއު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު
އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ހަވީރު މޮޅަކާއެކު ފަށައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ގޯލް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ހަސަން ނަޒީމް (ޗޯޓު) އާއި މުޙައްމަދު އިލާން އިމްރާން އެވެ.
މެޗުގައި ނިއު އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ގާނާގެ ފޯވާޑް، ރަފީގް އަމީނޫ އެވެ.
އެފްއޭއެމް އިން މުބާރާތެއް ނުބާއްވާތާ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ބޭއްވި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީވެ، ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމާއެކު މުހިއްމު މަގްޞަދެއްގައި އިންތިޒާމްކުރި މުބާރާތެކެވެ.
މި މުބާރާތުގެ ފޯމެޓުގައި ވާގޮތުން، ވާދަކުރާ ޓީމުތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭނެ އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ލީގުގެ އެއްވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަނެއް ސެމީގައި ތިންވަނަ ޓީމު ބައްދަލުކުރާނީ ހަތަރުވަނަ މަގާމަށް ދިޔަ ޓީމާ އެވެ. އެއަށްފަހު، މި ދެ މެޗުން ކުރިހޯދާ ދެ ޓީމެއްގެ މެދުގައި ކުޅެވޭ ފައިނަލް އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކްލަބު ނިކުންނާނީ މަހިބަދޫ ސްޕޯޓްސްއާ ދެކޮޅަށެވެ. އެއަށްފަހު، ހުކުރު ދުވަހުގެ ރޭގަނޑު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.