ENGLISH
05 މޭ 2025
60 ދުވަހުގެ ތެރޭގައި ގައުމީ ކުޅިވަރުގެ ފަންޑު އެކުލަވާލަންޖެހޭ ގޮތަށް ފާސްކޮށްފި
05 މޭ 2025
|
ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ފޮޓޯ/ ރައީސް އޮފީސް)
ފަސްދޮޅަސް ދުވަހުގެ ތެރޭގައި ގައުމީ ކުޅިވަރުގެ ފަންޑު އެކުލަވާލަންޖެހޭ ގޮތަށް ކުޅިވަރާއި ބެހޭ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި މި ބިލު ދިރާސާކޮށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފަ އެވެ. ކޮމިޓީ ރިޕޯޓަށް ތަޅުމުން ހުށަހެޅި އިސްލާހުތަކާއި އެކު އެ ބިލު ފާސްކުރީ 70 މެމްބަރުންގެ ވޯޓާ އެކު އެވެ.
ކުޅިވަރުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅީ، ކުޅިވަރު ޖަމިއްޔާތަކާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެ ނޫންވެސް ފަރާތްތައް ޒަމާނީ ފެންވަރެއްގައި ކުރިއަރުވައި ހިންގުމުގެ އުސޫލުތައް ކަނޑައެޅުމަށެވެ. އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑަރޭޝަންތަކުގެ އިތުރުން ކޮމިޓީތަކަށް ލިބިދޭ ބާރުތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
މި ބިލުގައި ހިމަނާފައިވާ އެންމެ މުހިއްމު އިސްލާހަކީ ކުޅިވަރުގެ ވަސީލަތްތައް ހިންގައި ބަލަހައްޓައި ތަރައްގީކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ފައިސާ އަމާނާތްތެރިކަމާއި އެކު ބެލެހެއްޓުމަށްޓަކައި އަދި އެ ފައިސާއިން އިންވެސްޓުކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި ގައުމީ ކުޅިވަރުގެ ފަންޑެއް ގާއިމުކުރުމެވެ. މި ބިލުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ގާއިމުކުރަން ޖެހޭނެ އެވެ.
ގައުމީ ކުޅިވަރުގެ ފަންޑުގެ މަގްސަދުތައް
މި ފަންޑަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް ކަނޑައަޅާނެ ކަމަށް ބަޔާންކޮށްފައިވާއިރު ކުޅިވަރާ ބެހޭ ވުޒާރާއިން ހިންގާ ކުޅިވަރު ހަރަކާތްތަކުން ވިޔަފާރީގެ އުސޫލުން ލިބޭ ނަފާ ވެސް ޖަމާކުރަން ޖެހެ އެވެ.
މި ފަންޑު ހިންގާނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން، ސަރުކާރުގެ އެހެން ފަންޑުތަކާއި ވަކިންނެވެ. އެ ފަންޑަށް ޖަމާކުރާ ފައިސާ ދައުލަތުގެ ފިސްކަލް ބޭނުންތަކަށް އަނބުރާ ދައްކާ ގޮތަށް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.