ENGLISH
05 މޭ 2025
ރައީސްކަމުގެ ތިންވަނަ ދައުރެއް ހޯއްދަވާކަށް ޓްރަމްޕް ނޫޅުއްވާ
05 މޭ 2025
|
އެމެރިކާގެ ރައީސްކަމުގެ ތިން ވަނަ ދައުރެއް ހޯއްދެވުމުގެ ޝައުޤުވެރިކަން ހުރިކަމަށް އަމިއްލަފުޅަށް ދެއްކެވި ވާހަކަތައް، ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދޮގުކުރައްވައިފިއެވެ.
އެމެރިކާގެ ޤާނޫނުއަސާސީގެ ދަށުން، ރައީސްކަމުގައި އެއް ބޭފުޅަކަށް އަދާކުރެއްވޭނީ ގިނަވެގެން ހަތަރު އަހަރުގެ ދެ ދައުރެވެ.
ނަމަވެސް، ރައީސްކަމުގެ ދެވަނަ ދައުރަކަށް މިދިޔަ ޖެނުއަރީ މަހު ވަޑައިގެންނެވުމަށްފަހު، ޓްރަމްޕް ވަނީ ތިނެއް ނޫނީ ހަތަރު ދައުރަށް ވެސް ރައީސްކަމުގެ މަޤާމު އަދާކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
އަދި އޭގެފަހުން ވެސް، އެއީ ސަމާސާއަކަށް ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ޓްރަމްޕް އިއްޔެ ވިދާޅުވީ، އެ ވާހަކަފުޅު ދެއްކެވީ "ފޭކް މީޑިޔާ"ތަކުން އެ ވާހަކަތައް ފަތުރާނެތީ "ޖެއްސުމަށް" ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު ވާނީ އަށް އަހަރުގެ ރައީސަކަށް. ދެ ދައުރުގެ ރައީސަކަށް. އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަން،" އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް، "ޓްރަމްޕް 2028" ގެ ނަމުގައި އެ އަހަރު އޮންނަ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ތެރެއިން ބައެއް ސަޕޯޓަރުން މިހާރު ވެސް ވަނީ ކެމްޕޭނެއް ވެސް ފަށައިފައެވެ.
އެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ސަޕޯޓަރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ތިންވަނަ ދައުރަކަށް ވެސް އިންތިޚާބު ކުރަން ބޭނުންވާކަމަށް ބުނެ އެދެމުންދެއެވެ.
ނަމަވެސް، އެއީ ކުރައްވަން ގަސްދުކުރައްވާ ކަމެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.