ENGLISH
04 ޖޫން 2025
ވެމްކޯ އިން ހަތަރުވަނަ ފަހަރަށް ޤައުމީ ތަށި ކާމިޔާބުކޮށްފި
05 މޭ 2025
|
މުބާރާތުގެ ޗެމްޕިއަން ޓީމަށް ނައިބު ރައީސް ޓްރޮފީ ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަވެރި ޕޮލިސް ކްލަބު އަތުން މޮޅުވެ، ކްލަބް ވެމްކޯ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގެ ތަށި ވެމްކޯ އިން އުފުލާލީ ވެސް ފައިނަލުގައި ޕޮލިސް ބަލިކޮށްފައެވެ. އެ މެޗުން ވެމްކޯ މޮޅުވީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ވެމްކޯ މޮޅުވީ 3-2 ސެޓުންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި 25-23 އިން ޕޮލިސް ކުރިހޯދާފައިވަނިކޮށް، ވެމްކޯ އިން ވަނީ ދެންޖެހިގެންއައި ސެޓުން 25-22 އިން ކުރިހޯދައި، ނަތީޖާ އެއްވަރުކޮށްފައެވެ.
އެއަށްފަހު، ދެން ކުޅުނު ސެޓު 25-23 އިން ޕޮލިސް ގެންގޮސްފައިވަނިކޮށް، ވެމްކޯ އިން ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-18 އަދި 15-08 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.
ޕޮލިހާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވި މުބާރާތުގެ ފައިނަލު މެޗު ބައްލަވާލެއްވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވެސް ވަޑައިގެންނެވިއެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ ދެއްވީ ވެސް ނައިބު ރައީސް އެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. އެ ޓީމު ވަނީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކޮށްފައެވެ. ޕޮލިހަށް ކާމިޔާބުކުރެވުނީ ޤައުމީ ވޮލީ ލީގު އެކަންޏެވެ.
މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ފަރާތްތައް. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:
އެންމެ މޮޅު ކުޅުންތެރިޔާ: ފާތިމަތު ޖޫޒާން ޒަރީރު (ކްލަބް ވެމްކޯ)
އެންމެ މޮޅު ކުޅުންތެރިޔާ: އައިޝަތު މާޖިދާ (ކްލަބް ވެމްކޯ)
އެންމެ މޮޅު ކުޅުންތެރިޔާ: އާމިނަތު އަރީޝާ (ޕޮލިސް ކްލަބް)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ޕަތިޔާ ޖުއަންގޖަން (ކްލަބް ވެމްކޯ)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ (ޕޮލިސް ކްލަބް)
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ވެރޯނިކާ ޒުބަރޭވާ (ޕޮލިސް ކްލަބް)
އެންމެ އުއްމީދީ ކުޅުންތެރިޔާ: އައިޝަތު ނަސްމާ އަހުމަދު (ހުރާ ކޮމިއުނިޓީ ކްލަބް)
އެންމެ މޮޅު ކޯޗު: އަހުމަދު އަދީލް (ކްލަބް ވެމްކޯ)