ENGLISH
04 ޖޫން 2025
އެފްއޭއެމް ލީގު ކަޕް ފެށި މެޗުން ޓީސީއާ އޮޑި އެއްވަރު
05 މޭ 2025
|
ޓީސީއާ އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު
ފުޓްބޯޅައިގެ ރަސްމީ ކަލަންޑަރުން ބޭރުން އެފްއޭއެމް އިން "އެފްއޭއެމް ލީގު ކަޕް" ގެ ނަމުގައި ފެށި މުބާރާތް ހުޅުވި މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވީ ނަމަވެސް، ދެ ޓީމަށް ވެސް އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލުމުގައި ކާމިޔާބީއެއް ނުހޯދުނެވެ.
ރޭގެ މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް އެވެ. މެޗަށްފަހު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީސީގެ ގޯލްކީޕަރު، ސުޖަން ޕެރޭރާ އަށް ޓްރޮފީ ދެއްވީ ވެސް މުޙައްމަދު ޠަލާލް އެވެ.
އެފްއޭއެމް އިން މުބާރާތެއް ނުބާއްވާތާ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ބޭއްވި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީވެ، ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމާއެކު މުހިއްމު މަގްޞަދެއްގައި އިންތިޒާމްކުރި މުބާރާތެކެވެ.
މި މުބާރާތުގެ ފޯމެޓުގައި ވާގޮތުން، ވާދަކުރާ ޓީމުތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭނެ އެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ލީގުގެ އެއްވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަނެއް ސެމީގައި ތިންވަނަ ޓީމު ބައްދަލުކުރާނީ ހަތަރުވަނަ މަގާމަށް ދިޔަ ޓީމާ އެވެ. އެއަށްފަހު، މި ދެ މެޗުން ކުރިހޯދާ ދެ ޓީމެއްގެ މެދުގައި ކުޅެވޭ ފައިނަލް އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
މުބާރާތުގައި ދެން ކުޅޭ މެޗުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 4:30 ގައެވެ.