ENGLISH
05 ސެޕްޓެމްބަރު 2025
"ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" އިފްތިތާހުކޮށްފި
04 މޭ 2025
|
"ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ބާއްވާ "ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" އިފްތިތާހުކޮށްފިއެވެ.
އަންނަ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ މި މުބާރާތް އިފްތިތާހުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
ހެންވޭރު ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުރައްޒާޤް އިބްރާހިމް އާއި ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެކުރީން، މި މުބާރާތް ބާއްވަން ނިންމާފައި އޮތީ މިދިޔަ ފެބުރުއަރީ މަހުގައި ޕާކިސްތާންގެ ކަރާޗީ ގައެވެ. ނަމަވެސް، އެ ޤައުމުގައި މުބާރާތް ބޭއްވޭގޮތް ނުވުމުން އެހެން ޤައުމަކަށް އެ ފުރުޞަތު ދޭން އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުން ނިންމިއެވެ.
މިއާއެކު، ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރު ވުޒާރާގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުރި މަސައްކަތުން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބުނެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ "ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް" ގެ ދަށުން ސްޕޯޓްސް ޓުއަރިޒަމް ޕްރޮމޯޓުކޮށް، އިތުރު ފުރުޞަތުތައް ފަހިކުރެވޭނެ މުބާރާތަކަށް ވާނެ ކަމަށް ކުޅިވަރު ވުޒާރާ އިން ގަބޫލުކުރެއެވެ.