ENGLISH

06 ޖުލައި 2025

Advertisement

ކުޅިވަރުގެ 377 މަޝްރޫޢު މިއަހަރަށް ވަނީ ޕްލޭންކުރެވިފައި: ރައީސް

03 މޭ 2025

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްރާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިޚުތިޞާސްގެ ތެރެއިން މުޅި ރާއްޖޭގައި މިއަހަރު 377 މަޝްރޫޢު ހިންގަން ޕްލޭންކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކުގެ ތަފްސީލުތައް ހާމަކުރައްވާފައެވެ.

މިހާތަނަށް ކުޅިވަރު ދާއިރާގެ 50 މަޝްރޫޢެއް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ހިނގަމުންދާ މަޝްރޫޢުތަކާއި އެއްބަސްވުމުގައި ސޮއިކުރެވިފައިވާ 192 މަޝްރޫޢު ހިމެނޭކަމަށް ރައީސް ދެއްވި ތަފްޞީލުގައި ހާމަކުރައްވާފައިވެއެވެ. އެ ހުރިހާ މަޝްރޫޢުތައް ހިމެނޭހެން މިއަހަރަށް ޖުމްލަ 377 މަޝްރޫޢު ޕްލޭންކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެއް މަޝްރޫޢަކީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ތައް ޤާއިމުކުރުމެވެ. އެގޮތުން ދެ އެފްއާރުސީ ސެންޓަރު މިހާތަނަށް ނިމިފައިވާއިރު، 19 ސެންޓަރުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ. މިއަހަރު 34 ސެންޓަރު ޤާއިމުކުރުމަށް ސޮއިކޮށްފައިވާއިރު، އިތުރު 97 ރަށުގައި އެފަދަ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދިއުމަށް ޕްލޭންކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދާ އައުޓްޑޯ ޖިމް ޕްރޮޖެކްޓުގެ ދަށުން 4 ރަށެއްގައި އެމަސައްކަތް މިހާރު ކުރިއަށް ދެއެވެ. އަދި، 34 ރަށެއްގައި އެމަސައްކަތް ފެށުމަށް ސޮއިކޮށްފައިވާއިރު މިއަހަރު އިތުރު 109 ރަށުގައި އައުޓްޑޯ ޖިމްގެ މަސައްކަތް ޕްލޭންކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކަސްރަތު ކޮށްގެން ރަނގަޅު ކާއެއްޗެހި ކައިގެން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވެފައި އޮތް މުޖުތަމައެއް ރާއްޖޭގައި އޮންނަން. އެހެންވީމަ މިކަމަށް މިހާބޮޑަށް އިންވެސްޓްކުރަނީ އެހެންވެގެން. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަންނަ އަހަރު ނިމޭއިރުގަ ރާއްޖޭގެ ހުރިހާ ރަށެއްގަ ހުންނާނީ އައުޓްޑޯ ޖިމް އެޅިފަ. ހުރިހާ ރަށެއްގައި އިކުއިޕްޑް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުންނާނެ. ހުރިހާ ރަށެއްގަ ކުޑަކުދިންގެ ޕާކު ހުންނާނެ ގާއިމުކުރެވިފަ. އެހެންވީމަ އެގޮތަށް އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށްގެންދެވޭނެ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުޅިވަރުގެ ދާއިރާގެ ތެރެއިން ސަރުކާރުން ކުރުމަށް ނިންމާފައިވާ ބޮޑު ހަތަރު މަޝްރޫޢުގެ ތަފްޞީލްވެސް ރައީސް ދެއްވިއެވެ. އޭގެތެރޭގައި ހިމެނެނީ އުސްފަސްގަނޑުގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމާއި، ހުޅުމާލޭގައި އިންޓަނޭޝަނަލް ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ އިތުރުން ރޭސިން ޓްރެކް އެޅުމާއި ރިޔާސީ ކެމްޕޭނުގައި ވިދާޅުވިގޮތަށް މާލެ ސަރަޙައްދުގައި ނެޓްބޯޅަ ކޮމްޕްލެކްސް އަދި ފުޓްސަލް ކޮމްޕްލެކްސް އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު