ENGLISH
05 ސެޕްޓެމްބަރު 2025
ދާންދޫ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފި
03 މޭ 2025
|
ދާންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ. ދާންދޫގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަކީ ލިއޯ ޓްރޭޑިންގއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ގާތްގަނޑަކަށް 4.9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ މި މަޝްރޫޢުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ގާތްގަނޑަކަށް ހާހެއްހާ މީހުން ދިރިއުޅޭ ދާންދޫގެ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ އެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށްފަހުގައެވެ.
ކުރިން، މި މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ 2023 ގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ދަނޑުތައް ތަރައްގީކުރުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.