ENGLISH
27 ޖޫން 2025
ލޯނު ނެގުމަށް 2.5 ބިލިއަން ޑޮލަރު ހަރަދުވިއިރު ރިޒާވްއާއި އެސްޑީއެފްގެ ހާލަތު ރަނގަޅު
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީސް
ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ޚަރަދުވިއިރު ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައުލަތުގެ މާލީ އަދި އިޤުތިޞާދީ ޙާލަތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވެފައިވަނީ މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 791 މިލިއަން ޑޮލަަރު ހުރި ކަމަށެވެ. އެމަނިކުފާނު ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު ފާއިތުވި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ދައުލަތުގެ ރަސްމީ ރިޒާވް 371 މިލިއަން ރުފިޔާއަށް ވެއްޓުނެވެ.
"އަޅުގަނޑުމެންގެ ރިޒާވް އިރާދަކުރެއްވިއްޔާ މިދަނީ ރަނގަޅު ޓްރެންޑެއްގައި ކުރިއަށް،" ރިޒާވްގެ ހާލަތު ވަރަށް ގޯސްކޮށް އޮއްވައި އެ ހާލަތު ބަދަލުކުރެވި ރަނގަޅު މިސްރާބަށް ރިޒާވް އިއާދަކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވިއިރު މި އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް ބޮޑު ޚަރަދެއް ހިނގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ރުފިޔާގެ ލޯނެއް ހިމެނޭހެން ބޭރުގެ ދަރަނި އަދާކުރުމަށް މި އަހަރު 2.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން ރައީސް ފާހަގަަކުރެއްވިއެވެ.
ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަަށް އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ލިބުނުއިރު، ޚަރަދުވީ 10.5 ބިލިއަން ރުފިޔާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ދައުލަތުގެ ޖުމްލަ އަރަންޏަކީ 1.9 ބިލިއަން ރުފިޔާއެވެ.
އަދި ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ޚަރަދުތައް އުނިކުރުމަށްފަހު ބަޖެޓުގެ އަރަނި ހިސާބުކޮށްފިނަމަ 3.5 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ދައްކަންޖެހޭ ބޭރުގެ ދަރަނިތަކެއްވެސް އެބަހުރި. މިހުރިހާ ކަމެއް މެނޭޖުކުރުމަށްޓަކަައި މި އަހަރުގެ މިހާ ހިސާބަށް މިވަރުގެ ޕްރައިމަރީ ބެލެންސެއް ބަހައްޓަން ބޭނުންވީ. އެއްގޮތަކަށްވެސް ކަންކަމަށް ހަރަދުނުކޮށް ސޭވްކުރަނީއެއް ނޫން.،" ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ރައްކާކުރުމަށް ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އަލިއަޅުވައިލައްވަމުން ރައީސް ފާހަގަކުރެއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރާއި 2.4 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ. މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑުގައި ހުރި ފައިސާގެ އަދަދު 121 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.