ENGLISH
06 ޖުލައި 2025
ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް މާލޭގައި އަޅަން ބިން ހަމަޖައްސައިފި
03 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ވަޤުފު އިންވެސްޓްމަންޓް ދާއިރާގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް އަޅަން ބިން ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ދީނީ ދާއިރާގެ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސް ދެއްވެވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިހާރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދޭ ތަފާތު އެއް ދާއިރާއަކީ ދީނީ ދާއިރާގެ ތެރެއިން ވަޤުފު އިންވެސްޓްމަންޓުގެ ދާއިރާ ކަމަށެވެ. އެދާއިރާގެ ތެރެއިން ސަރުކާރުން މިހާރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތަކަކީ ދުރު އަދި މެދު ރާސްތާއަށް ވެސް ވަރަށް މުހިއްމު މަޝްރޫޢުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ތިން މަޝްރޫޢެއްގެ ތަފްޞީލް ރައީސް ދެއްވިއެވެ. އެގޮތުން؛
ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތް އެޅުމަށް ނިންމާފައިވަނީ ރަސްފަންނު ކައިރީގައި އޮންނަ ހުސް ބިމުގައެވެ. އެ ސަރަހައްދުން މިހާރު 10،000 އަކަފޫޓޫ ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް އެކެއްގައި އަޅަން ނިންމާފައިވާ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" އާދި މާލޭގައި އިމާރާތްކުރާ "ދާރުލްއަރްޤަމް" އިމާރާތް އޮތީ މިހާރު ޕްރީ ޓެންޑަރިންގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ތިން ވަޤުފު އިމާރާތް އެޅުނީމަ އެ ލިބޭ އާމްދަނީގެ ތެރެއިން އިސްލާމީ އެކި ކަންކަމަށް ޚަރަދުކުރަން ކޮންމެ އަހަރަކު ބަޖެޓް ތެރެއިން ނުނަގާ އެ ލިބޭ އާމްދަނީގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރެވިގެންދާނެ. ދީނީ ހޭލުންތެރިކަން އިތުރުކުރުން އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުން. މިހެން ގޮސް އެކި ކަންކަމަށް" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ގެންދަވަނީ ކޮންމެ ދާއިރާއަކުން ކުރަމުން އަންނަ މަޝްރޫޢުތަކުގެ ތަފްޞީލް ހާމަކޮށްދެއްވަމުންނެވެ.