ENGLISH

06 ޖުލައި 2025

Advertisement

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީކުރުވުމުގެ މާހައުލަކަށް މިނިވަން ނޫސްވެރިކަމަކީ ލާޒިމު ކަމެއް: ރައީސް

03 މޭ 2025

|

ހަސަން އާމިރު

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް މިނިވަން ނޫސްވެރިކަމަކީ ލާޒިމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި މިނިވަން ނޫސްވެރިކަން އެމަނިކުފާން ސިފަކުރައްވާފައި ވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.

ރައީސް ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި އެމަނިކުފާން ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ސާބަސް ދެއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަންދެއްވާފައެވެ. މިގޮތުން، ނޫސްވެރިކަމުގެ އަޚުލާޤު ނަގަހައްޓައި، މުޢުތަބަރު މަޢުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނު 

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" މިއެވެ. މިޝިޢާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) އިން ފަހިކޮށްދޭ ފުރުޞަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މަޢުލޫމާތު ތަޙުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މަޢުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައި ވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަޚުލާޤާ އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ.

އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު