ENGLISH

06 ޖުލައި 2025

Advertisement

ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން އެއްވުންތައް ބާއްވަން ފުލުހުން އިލްތިމާސް ކޮށްފި

02 މޭ 2025

|

އަޙުމަދު ޙަމީދު

ރޭގެ މުޒާހަރާ އިން އަންހެނަކު ހައްޔަރު ކުރަނީ -- ފޮޓޯ: އެކްސް

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އެ ޚިދުމަތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްގު އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރު ކުރުމުގައި އެ އިދާރާ ދެމިތިބޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ.

ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށް ގެންދާ އިޙުތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ ޢާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި އިމާޖެންސީ ޚިދުމަތްތަކަށާއި ވިޔަފާރިތަކާއި ޖީސީއީ އޯލެވެލް އިމްތިޙާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެެހެން ކަމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތަކާއި ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި އެހެން ފަރުދުންނަށް ލިބިދޭ މަގު ބޭނުންކުރުމާއި ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާއި ގުޅިފައިވާ ޙައްޤުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް ޙައްޤުތަކުގެ ބޭނުން ހިފުމަށް ވަނީ ގޮވާލާފަ އެވެ.

ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަނޑައަޅާ މިއަދު އާންމުކޮށްފައިވާ ކަމަށާ އެހެން ކަމުން އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ޤާނޫނާއި ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ޤާނޫނީ ބާރުގެ ބޭނުންކޮށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ބާއްވާ ސަރަޙައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު