ENGLISH

26 ނޮވެމްބަރު 2024

ކުރިއަށް އޮތް ހަތަރު އަހަރަކީ ސިއްޙީ ނިޒާމުގެ އާ ބާބެއް ލިޔެވިގެންދާނެ ދުވަސްތަކެއް: ވަޒީރު ނާޒިމް

15 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ނާޒިމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ހަތަރު އަހަރަކީ ސިއްޙީ ނިޒާމުގެ މުޅިން އާ ބާބެއް ލިޔެވިގެންދާނެ ދުވަސްތަކެއް ކަމަށް ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވަނީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އެގޮތުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް 2018 ވަނަ އަހަރު ނިމުނު ނަމަވެސް، އެތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުކުރެވި ހުރުމަކީ ބޮޑު އިހުމާލެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ކަމަށެވެ. މިގޮތުން، ބަލިވީމާ ބޭސްފަރުވާގެ ނިޒާމް ހަރުދަނާކުރުމާއި، އެކަންކަން ފުޅާކުރުމާއި، ބަލިމަޑުކަމުން ދުރުހެލިވެ ތިބުމަށްޓަކައި ދުޅަހެޔޮ އާބާދީއެއް ބިނާކުރުމާއި، ސިއްޙީ ދާއިރާގެ ގަވަރނަންސް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ފެށިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުން މާލޭ ސަރަހައްދުގެ އިތުރުން، އާބަން ސެންޓަރުތައް ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތް ހަރުދަނާވެގެން ދާނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ބޭރުގައި ބޭއްވި މިރޭގެ މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ސިއްޙީ ދާއިރާގެ ޕްރޮފެޝަނަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު