ENGLISH

06 ޖުލައި 2025

Advertisement

ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ކަނދުފައްޗެއް ތ. ބުރުނީ ބޭރުގައި އަޅައިފި

02 މޭ 2025

|

ފަޒީލް ޢަބްދުލް ލަތީފު

ތ. ބުރުނި ބޭރުގައި އަޅާފައިވާ ކަނދުފަތި--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

ތ. ބުރުނީ ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ކަނދުފައްޗެއް ފިޝަރީޒް މިނިސްޓްރީީން އަޅައިފިއެވެ.

 މި ކަނދުފަތި އަޅާފައިވަނީ ބުރުނީގެ އުތުރުން 4.5 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ނަމްބަރަކީ 01-K09V01 އެވެ.

ތ. އަތޮޅުގައި ކަނޑައިގެން ގޮސްފައިވާ މަސް ކަނދުފަތީގެ ބަދަލުގައި ބޮއިތައް މި ހަފުތާގެ ތެރޭގައި އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީންވަނީ ބުނެފައެވެ. ތ. އަތޮޅުގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ހަ ކަނދުފަތީގެ ތެރެއިން ދެ ކަނދުފަތި މިހާރު ވަނީ ކަނޑައިގެންގޮސްފަ އެވެ. އެއީ، ހިރިލަންދޫ ކަނދުފައްޗާއި، ވިލިފުށީ ކަނދުފައްޗެވެ.

ތ. ބުރުނި ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން. --ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދާ މަސް ކަނދުފަތި އެޅުމުގެ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީގެ ޓީމެއް މިހާރު ދަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަތުރުކުރަމުންނެވެ. މިދަތުރުގައި މިއަދު ވަނީ މުލަކު އަތޮޅު ދިއްގަރު ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅާފަ އެވެ.  

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ތ. ބުރުނި ބޭރުގައި ކަނދުފަތި އަޅާފައިވާ ސަރަހައްދު--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

ކަނދުފަތިތަކަކީ އޮއިވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތި ކައިރިއަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިންނެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ. ރާއްޖޭގައި މި ވަގުތު ވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅައިފައެވެ.

ރާއްޖޭގައި މި ވަގުތު ހުރީ ކަނދުފަތި ގާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު