ENGLISH
06 ޖުލައި 2025
ފުލުހުންގެ ތަފާސްހިސާބު: އޭޕްރީލް މަހު ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު ދަށަށް
02 މޭ 2025
|
މި އަހަރުގެ މާޗް މަހާ އަޅާބަލާއިރު ނިމުނު އޭޕްރީލް މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ދަށްވެފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި އޭޕްރީލް މަހު ޖުމްލަ ހުށަހެޅީ 738 މައްސަލައެވެ. މާޗް މަހު ވަނީ 862 މައްސަލަ ހުށަހެޅިއެވެ. އެއީ މާޗް މަހާ އަޅާބަލާއިރު 124 މައްސަލައިގެ ފަރަގެކެވެ.
އޭޕްރީލް މަހު އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 199 މައްސަލަ ހުށަހެޅިއިރު މާޗް މަހު ވައްކަމުގެ 229 މައްސަލަ ހުށަހެޅިއެވެ.
އޭޕްރީލް މަހު ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 170 މައްސަލަ ހުށަހެޅުނެވެ. ދެން އެންމެ ގިނައީ 151 މައްސަލައާއެކު މަސްތުވާތަކެތީގެ މައްސަލަތަކެވެ.
އެހެން މައްސަލަތަކަށް ބަލާއިރު އޭޕްރީލް މަހު އަމިއްލަ މުދާ ގެއްލިގެން 71 މައްސަލަ ހުށަހެޅުނެވެ. އަދި، ފޭރުމުގެ 12 މައްސަލައިގެ އިތުރުން ފޯޖަރީގެ ހަތަރު މައްސަލަ ހިމެނެއެވެ. ގެވެށި އަނިޔާގެ 24 މައްސަލައާއި ޖިންސީ ފުރައްސާރައިގެ 20 މައްސަލަ އޭޕްރީލް މަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅިއެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 957 މައްސަލައާއި ވައްކަމުގެ 898 މައްސަލަ މިއަހަރުގެ މިހާތަނަށް ވަނީ ހުށަހަޅައިފައެވެ.