ENGLISH
06 ޖުލައި 2025
ކޮންޓެކްޓް ޒޯނަށް ވަންނައިރު އުޅަނދުގައި ދިދަ ނަގަންޖެހޭ ގޮތަށް މެނޭޖްމަންޓް ޕްލޭން އިސްލާހުކޮށްފި
02 މޭ 2025
|
ފެހުރިހި ބެލުމުގައި ބަޔަކު ހަރަކާތްތެރިވަނީ. ފޮޓޯ: ޕީއެސްއެމް ނިއުސް
ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭނަށް 1 ވަނަ އިސްލާހު ގެނެސް ޝާއިޢުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ގެނައި އެ އިޞްލާހުގައި ވާގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ، ސަމްޕާ ސަރަހައްދަށް ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން ދާ އުޅަނދުތައް ކޮންޓެކްޓް ޒޯނަށް ވަންނައިރު އުޅަނދުގައި ދިދަ ނަގަން ޖެހޭގޮތް ހެދުމެވެ.
ސަމްޕާ ސަރަހައްދަކީ 2009 ވަނަ އަހަރު ހިމާޔާތްކޮށްފައިވާ ސަރަހައްދެކެވެ. ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި އުޅޭ އެ ސަރަހައްދު އޮންނަނީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އދ. ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެންނެވެ. އެއް ކިލޯމީޓަރުގެ އެ ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކޮންމެ ދުވަހު އެތައް ބަޔަކު ޒިޔާރަތްކުރާ ސަރަހައްދެކެވެ.
މެނޭޖްމަންޓް ޕްލޭންގައި ކުރިން އޮންނަނީ އެ ސަރަހައްދަށް ގޮސް ފެހުރިހި ފެނިއްޖެނަމަ ރޭންޖާސް ހޮޓްލައިނަށް ގުޅައި ދިދަ ނަގާ ގޮތަށެވެ. އެހެންނަމަވެސް އާ ބަދަލާއެކު އެ ސަރަހައްދުގައި ކޮންމެ އުޅަނދަކަށްވެސް ހަރަކާތްތެރިވެވޭނީ ދިދަ ނަގައިގެންނެވެ. އަދި، އުޅަނދު އެތާ އޮންނައިރު ލައިވް ލޮކޭޝަންވެސް މިނިސްޓްރީއާ ހިއްސާކުރަންޖެހެއެވެ.
އިސްލާހުގެ ދަށުން ފެހުރިހި އުޅޭ ސަރަހައްދުގައި އުޅަނދުތައް ދަތުރުކުރަންޖެހޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އުޅަނދު ދަތުރުކުރާއިރު ފެހުރިހި ދަތުރުކުރާ މަގަށް އުނދަގޫ ނުވާނޭހެން ދަތުރުކުރުމާއި، ފަރާވީ ފަޅިން ދޯނި ފެހުރިއްސާ ގާތްކުރުމަށް ވަނީ އަންގައިފައެވެ. އަދި، އެގޮތަށް ގާތްކުރާ ފަޅިން މީހުން ނުބޭލުމަށްވެސް އިސްލާހުގައި ވެއެވެ.
އެ ސަރަހައްދަށް އެއްފަހަރާ ގާތްކުރެވޭނީ ހަ އުޅަނދަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އުޅަނދުތަކުގައި މަސައްކަތްކުރާ ކްރޫއިންގެ ރެސްކިއު ޑައިވް ލެވެލްގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.
ސަމްޕާ ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭނަށް ސަރުކާރުން އިސްލާހު ގެނައީ އެތަނުގައި ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާއި ގުޅިގެންނެވެ. މެނޭޖްމަންޓް ޕްލޭނަށް ގެނައި އިޞްލާހަށް ޢަމަލުކުރަން ފަށާނީ މިއަހަރުގެ ޖުލައި 31 ވަނަ ދުވަހުން ފެށިގެންނެވެ.