ENGLISH
05 ސެޕްޓެމްބަރު 2025
ފަސޭހަކަމާއެކު ރާޖަސްތާން ބަލިކޮށް، މުމްބާއީ އެއްވަނަ އަށް
02 މޭ 2025
|
މުމްބާއީއާ ރާޖަސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ރާޖަސްތާން ރޯޔަލްސް ބަލިކޮށް، މުމްބާއީ އިންޑިއަންސް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިއީ މުމްބާއީ އިން ލީގުގައި ޖެހިޖެހިގެން މޮޅުވި ހަވަނަ ފަހަރެވެ. އޭގެކުރީން، އެ ޓީމު ކުޅުނު ފުރަތަމަ ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން، ރާޖަސްތާން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.
ޖައިޕޫރުގައި ހުންނަ ސަވާއި މަންސިންގ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ރާޖަސްތާން ގަސްދުކުރީ ހޮވަން އަރާށެވެ. މުމްބާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 217 ލަނޑު ހެދިއެވެ.
މުމްބާއީގެ އިނިންގްސްގައި ކުރީގެ ކެޕްޓަން، ރޯހިތު ޝަރްމާ އާއި ރަޔާން ރިކްލްޓަން ބައިސައްތަ ހެދިއެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ހާޑިކް ޕަންޑްޔާ އާއި ސޫރްޔަކުމާރް ޔާދަވް ކުރެން ކޮންމެ ކުޅުންތެރިއަކު ނުބައިނުވެ 23 ބޯޅައިން 48 ލަނޑު ހެދިއެވެ.
ރައްދުގައި ކުޅެން އަރައި، 16.1 އޯވަރުގެ ތެރޭގައި ރާޖަސްތާންގެ ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 117 ލަނޑަށެވެ. އެ ޓީމުގެ ޖޮފްރާ އާޗަރ ފިޔަވައި އެހެން ކުޅުންތެރިއަކަށް ރަނގަޅު ސްކޯއެއް ނުކުރެވުނެވެ. އޭނާ ވަނީ 30 ލަނޑު ހަދައިފައެވެ. މި އިނިންގްސްގައި މުމްބާއީގެ ޓްރެންޓް ބޯލްޓް އާއި ކާން ޝަރްމާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުމްބާއީގެ ރަޔާން ރިކްލްޓަން އެވެ.
މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ގުޖުރާތު ޓައިޓަންސް ބައްދަލުކުރާނީ ސަންރައިޒާސް ހައިދަރުއާބާދުއާ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 7 ޖަހާއިރު އެވެ.