ENGLISH
10 މޭ 2025
ސަލާމަތީ ސަބަބުތަކަށްޓަކައި އައިޕީއެލްގެ ކުޅުން މެދުކަނޑާލައިފި
09 މޭ 2025
|
މުމްބާއީއާ ހައިދަރުއާބާދު ބައްދަލުކުރި މެޗުގެ ތެރެއިން. -ފޮޓޯ: ރޮއިޓާސް
އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި މިހާރު އުފެދިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި، އިންޑިއާގައި ކުރިއަށްދާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގެ ބާކީހުރި މެޗުތައް އެއް ހަފްތާގެ މުއްދަތަށް މެދުކަނޑާލައިފިއެވެ.
މިދިޔަ މާރިޗް މަހު ފެށި މި ފަހަރުގެ އައިޕީއެލްގައި މިހާތަނަށް 58 މެޗު ކުޅެފައިވާއިރު، ލީގު ބުރުގައި އަދި ބާކީ 12 މެޗު އެބައޮތެވެ. މި އަހަރުގެ މުބާރާތުގެ ޕްލޭއޮފް މެޗުތަކާއި ފައިނަލް މެޗު ހިމެނޭ ގޮތަށް ތާވަލް އޮތް ގޮތުން މި މެއި މަހުގެ 25 ގެ ނިޔަލަށް ކުޅުން ކުރިއަށްދާނެ އެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތް ވެސް ކުރިއަށްދަނީ ލަކްނޯ، ހައިދަރުއާބާދު، އަހުމަދުއާބާދު އަދި ކަލްކަތާ ހިމެނޭ ގޮތަށް ގިނަ ސިޓީތަކެއްގައެވެ.
ބޯޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން މުބާރާތުގެ ކުޅުން މެދުކަނޑާލަން ނިންމާފައިވަނީ، އިންޑިއާ އާއި ޕާކިސްތާންގެ މެދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުމުގެ ސިލްސިލާތަކުގެ އިތުރުން ހާއްސަކޮށް ކަޝްމީރު ބޯޑަރު ސަރަހައްދުގައި ފަހަކަށް އައިސް ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަކަށްޓަކައެވެ.
އެގޮތުން، ބީސީސީއައި އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އައިޕީއެލްގެ މެޗު ތާވަލަށް އިތުރު ބަދަލުތަކެއް ގެނައުމަށްފަހު، މެޗުތައް ކުޅޭނެ ތަންތަނާ ބެހޭ މަޢުލޫމާތުތައް ހިއްސާ ކުރެވޭނީ ކަމާބެހޭ ފަރާތްތަކާއި، ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ މަޝްވަރާތަކަށްފަހު މިހާރުގެ ހާލަތު އިތުރަށް ވަޒަންކުރުމަށްފަހުގައި ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ، އައިޕީއެލް ގަވަރނިންގ ކައުންސިލުން، ފްރެންޗައިޒް ތަމްސީލުކުރާ ފަރާތްތައް ހިމެނޭގޮތަށް މުހިއްމު ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރުމަށްފަހު އެވެ.
މިއީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން އަސަރުކުރި އައިޕީއެލް 2021 ގެ ސީޒަނަށްފަހު، އައިޕީއެލް މެދުތެރެއިން ކުޅުން މެދުކަނޑާލި ފުރަތަމަ ފަހަރެވެ.