ENGLISH

18 މޭ 2025

Advertisement

މިއަދުން ފެށިގެން މަސްވެރިންނަށް ޚާއްސަ ބީއެމްއެލް ލޯނަށް ހުށަހެޅޭނެ

01 މޭ 2025

|

ފަޒީލް ޢަބްދުލް ލަތީފު

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިސްއާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު -ފޮޓޯ:ބީއެމްއެލް

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ފިޝަރީޒް މިނިސްޓްރީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފުތަރުގައި، ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ ކަމުގައި ބީ.އެމް.އެލް އިން ބުނެފިއެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކުރުމަށް، ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވު. މި އެއްބަސްވުމާއެކު، މީގެ ކުރިން މަސްވެރިންނަށް ލޯނު ލިބުމުގައި ހުރި ދަތިތައް ފިލައިގެން ދާނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ލޯނަަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 (ތިން ލައްކަ) ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގޭނެއެވެ. ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް މި ލޯން ސްކީމްގެދަށުން ބީއެމްއެލްއިން މަސްވެރިންނަށް ހަމަޖައްސަދީފައިވެއެވެ. މިއީ ރާއްޖޭގެ ބޭންކަކުން މަސްވެރިންނަށް މިފަދަ ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަދިން ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ލިބޭނެގޮތް ހަދައިދިނުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު