ENGLISH
06 ޖުލައި 2025
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޙައިސިއްޔަތު ވަގުތީގޮތުން ނަގައިފި
30 އޭޕްރީލު 2025
|
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ވެރީން
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން ނަގައިފި އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ ކަމަށެވެ.
އަދި އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާ އެކު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދެވިފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ ކިބައިން ނެގިފައިވާކަން ޢާންމުކޮށް އިޢުލާނު ކުރާ ކަމަށެވެ.
ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މަނާވާނެކަމާއި އެފަދަ އެއްވެސް މުޢާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިނަމަވެސް އެއީ ޞައްޙަ މުޢާމަލާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެކަން ވެސް އިޢުލާނު ކޮށްފައިވެ އެވެ.
އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޙައިއްސިޔަތު އެ އެސޯސިއޭޝަންގެ ކިބައިން ނެގިފައިވަނީ، އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމާއި އަދި އެސޯސިއޭޝަންގެ ޢަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ޚާއްޞަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދި ބުނީ އެސޯސިއޭޝަންގައި ހުރި މައްސަލަތައް ޙައްލުކޮށް އެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
އެ ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީޚުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި އަލަށް އިންތިޚާބު ކުރެވޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއާއި އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެކަން ވެސް ޢާންމުކޮށް ވަނީ އިޢުލާނު ކޮށްފަ އެވެ.