ENGLISH

18 މޭ 2025

Advertisement

ދިއްގަރު ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ހާއްސަ ކަނދުފައްޗެއް އަޅައިފި

30 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ދިއްގަރު ބޭރުގައި އަޅާފައިވާ ކަނދުފަތި--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މިއަދު މުލަކު އަތޮޅު ދިއްގަރު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ.

 ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. މިއަދު މި އެޅި ކަނދުފަތި އަޅާފައިވަނީ ދިއްގަރު އިރުއުތުރުން 6 މޭލު ބޭރުގައެވެ. އަދި މި ކަނދުފަތީގެ ނަމްބަރަކީ J10V01 އެވެ.

މިއަދު މި އެޅި ކަނދުފައްޗަކީ މުލަކު އަތޮޅުގައި އެޅި ދެވަނަ ވަދު ކަނދުފައްޗެވެ. މީގެ ކުރިން އެޅި ވަދު ކަނދުފަތި އޮންނަނީ އެއަތޮޅު ވޭވަށުގެ އިރުން 4.05 މޭލު ބޭރުގަ އެވެ. އެކަނދުފަތި އެޅީ، މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.

ދިއްގަރު ބޭރުގައި ކަނދުފަތި އެޅުމުގެ ތެރެއިން--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ކަނދުފަތިތަކަކީ އޮއިވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، ކަނދުފަތި ކައިރިއަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ދިއްގަރު ބޭރުގައި ކަނދުފަތި އަޅާފައިވާ ސަރަހައްދު--ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ

ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ. ރާއްޖޭގައި މިވަގުތު ވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅައިފައެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު