ENGLISH
18 މޭ 2025
މިދިޔަ އަހަރު އެމިރޭޓްސްގައި ރާއްޖެއަށް 360،000 ފަސިންޖަރުން އުފުލައިފި
30 އޭޕްރީލު 2025
|
އެމިރޭޓްސް އެއާލައިން އާއި އެމްއެމްޕީއާރުސީން އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ/ އެމިރޭޓްސް
މިދިޔަ އަހަރު ރާއްޖެއަށް 360،000 ފަސިންޖަރުން އުފުލި، އެމިރޭޓްސް އެއާލައިން އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ އެކު، ޓޫރިޒަމް އިސްތިހާރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބޭއްވި ރަސްމިއްޔާތުގައި އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ ސިނިއާ ވައިސް ޕްރެޒިޑެންޓް ފޯ ކޮމާޝަލް އޮޕަރޭޝަން އީސާ ސުލައިމާން އަހްމަދު އެވެ. އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި މުހިންމު މާކެޓްތަކަށް އަމާޒުކޮށް ޕެކޭޖުތައް ތައާރަފު ކުރުމާއި ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނާ ގުޅިގެން ޓޫރިސްޓުން އިތުރުކުރުމާއި ތަފާތު މާކެޓްތަކަށް ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރެވޭނެއެވެ.
"ރާއްޖެއަކީ އިންޑިޔާ ކަނޑާއި ހުޅުނގު އޭޝިޔާ ނެޓްވޯކުގައި ހިމެނޭ ފަސް ގައުމުގެ ތެރެއިން އެއް ގައުމު. ރާއްޖެ އަކީ އަހަރެމެންގެ އެންމެ މަގުބޫލު އެއްް މަންޒިލު. ރާއްޖެއަަށް 1987 ގައި ހިދުމަތް ފެށިފަހުން، ރާއްޖޭގެ ޓޫރިޒަމް ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއްވާ ފަރާތެއްގެ މަގާމު މި އަންނަނީ ދަމަހައްޓަމުން. މިދިޔަ އަހަރު އެކަނި ވެސް ގާތްގަނޑަކަށް 360،000 ފަސިންޖަރުން ރާއްޖެއަށް އުފުލިން،" ސުލެއިމާން ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ އެމިރޭޓްސްގެ ނެޓްވޯކާއި ރާއްޖޭގެ ތަޖުރިބާއާއެކު މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަގުބޫލުކަން ބޮޑުވެ ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިރުވާނެ ކަމަށެވެ.
އެމިރޭޓްސް އިން ހަފުތާއަކު 28 ދަތުރު މިހާރު ރާއްޖެއަށް ކުރެއެވެ. އަންނަ ޖޫން މަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއާލައިންގެ ފުރިހަމަ ބޯއިން 777-300އީރު ބޯޓު ބޭނުންކުރަން ފަށާނެއެވެ.
އެމްއެމްޕީއާރުސީން އެމިރޭޓްސް އާއެކު އެއްބަސްވުމަކަށް އައިއިރު، އެ އެއާލައިނުން ވަނީ ކޮންޑޯ އާއި އެއާ ސީޝެލްސް އާއެކު ކޯޑް ޝެއާ އެއްބަސްވުމެއް ވެސް ހަދާފައިވައެވެ.