ENGLISH
28 އޭޕްރީލު 2025
ހޮނިހިރު ދުވަހު ކިރުވި މަހަށް ދޯންޏަކަށް އެވްރެޖްކޮށް ދޮޅު ލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއް!
28 އޭޕްރީލު 2025
|
މަސް ދޯންޏެއްގައި މީހުން ދޮށިއަޅާއިރު، މީހަކު އެން އުކަނީ. -- ފޮޓޯ/އަންޑާކް
މިދިޔަ ހޮނިހިރު ދުވަހު ކިރުވި މަހަށްވާ އަގަށް ދޯންޏަކަށް އެވްރެޖްކޮށް 140،000 އަށްވުރެ ގިނަ ރުފިޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ޖަމާކޮށްދީފިއެވެ.
މިފްކޯއިން ބުނި ގޮތުގައި ހޮނިހިރު ދުވަހު 36 ހަތް ދޯންޏަކުން މަސްކިރުވާފައިވާއިރު، 5.1 މިލިއަން ރުފިޔާ ވަނީ އޮޑިވެރިންގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެއީ ދޯންޏަކަށް އެވްރެޖްކޮށް 141،782ރ. ޖެހޭ އަދަދެކެވެ. މަސް ދޯނި ފަހަރުގައި 30 ވަރަކަށް ފަޅުވެރިން އުޅޭއިރު، އެކި ދޯނިފަހަރުން މިފްކޯއަށް މަސްކިރުވާނީ އެކި އަދަދުތަކަށެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ދޯނި ފަހަރުން ކިރުވި މަހަށް ދޫކުރި ފައިސާގެ އަދަދަށް ބަލާއިރު ވެސް، ދޯންޏަކަށް އެވްރެޖްކޮށް 95،000ރ. އަށް ވުރެ ބޮޑު އަދަދެެއް މިފްކޯއިން ޖަމާކޮށްފައިވެއެވެ. ބުރާސްފަތި ދުވަހު 42 ދޯންޏަކުން ކިރުވި މަހަށް، މިފްކޯ އިން ޖަމާކުރީ 4.1 މިލިއަން ރުފިޔާއެވެ. އަދި ހުކުރު ދުވަހު 56 ދޯންޏަކުން ކިރުވި މަހަށް ޖަމާކުރީ 5.4 މިލިއަން ފުރިޔާއެވެ.
މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މާޗް މަހުގެ ފަހު ހަފުތާއާ ހަމައަށް 385 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮޑިވެރިންގެ އެކައުންޓްތަކަށް މިފްކޯއިން ޖަމާކޮށްފައިވެއެވެ.
މަސްވެރިިންނަށް، މަސްވެރިކަމުން ލިބޭ އާމްދަނީއަށް ބިނާކޮށް ރަހުނަކާ ނުލައި ތިން ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާ، މަސްވެރިކަމާ ބެހޭ މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދެމެދު މިއަދު އެެއްބަސްވުމެއްގަައި ސޮއިކޮށްފައިވެއެވެ. މި އެެއްބަސްވުމުގެ ދަށުން މަސްވެރިންކަމުން ލިބޭ އާމްދަނީ އަށް ބިނާކޮށް، ލޯނު އަނބުރާ ދައްކަން ފަސޭހަވާނެ ގޮތަކަށް މަސްވެރިންނަށް ލޯނު ނެގޭނެ އެވެ.