ENGLISH
28 އޭޕްރީލު 2025
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މެލޭޝިއާގެ ބޮޑުވަޒީރު، ހިޒް އެކަސަލަންސީ އަންވަރު އިބްރާހީމާއި ދެމެދު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފި. ދެ ޤައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށްތިއްބަވައިގެން ކުރިއަށް ގެންދެވި މި މަޝްވަރާތައް ބާއްވަވާފައި ވަނީ، ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގަ. ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި އެ ޤައުމަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފަ. އަދި، ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގުމުއްދަތަކަށް މި ގުޅުން ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި.
މި މަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އެ ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވި.