ENGLISH

26 ނޮވެމްބަރު 2024

ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ ފެކަލްޓީ ޤާއިމުކުރަން ތޮއްޑޫން 80،000 އަކަ ފޫޓުގެ ބިމެއް ދީފި

15 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ބިން ހަވާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ޤާއިމުކުރުމަށްޓަކައި، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއިން ބިން ހަވާލުކުރުމުގެ ތާރީޚީ ރަސްމިއްޔާތު ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި އިއްޔެ ބާއްވައިފިއެވެ.

މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ފެކަލްޓީ އިމާރާތްކުރުމަށް 80،000 އަކަފޫޓުގެ ބިމެއް އަދ. ތޮއްޑޫއިން ހަމަޖެހިގެން ދިޔުމާ ގުޅިގެން ބޭއްވުނު ހަފްލާއެކެވެ. މި މުހިންމު ހަފްލާގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި ތޮއްޑޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފެކަލްޓީގައި ޤާއިމުކުރެވޭ މުހިންމު ޑިޕާޓްމަންޓްތަކުގެ ތެރޭގައި:

ޑިޕާޓްމަންޓް އޮފް ހޯޓިކަލްޗަރ،

ޑިޕާޓްމަންޓް އޮފް ޕްލާންޓް ޕްރޮޓެކްޝަން،

ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓަރ މެނޭޖްމަންޓް،

ޑިޕާޓްމަންޓް އޮފް ފުޑް ސައިންސަސް އެންޑް ޓެކްނޮލޮޖީ

މި ތަން ތައްޔާރުކުރަން ހަމަޖެހިފައިވަނީ ކޮންމެ ޑިޕާޓްމަންޓެއްގައިޗވެސް ޒަމާނީ ވަސީލަތްތަކާއެކު ޚާއްޞަ ލެބޯޓަރީތަކާ އެކުގައެވެ.

މި ފެކަލްޓީ ޤާއިމުކުރުމަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އާ އުއްމީދުތަކަކާއި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ. މީގެ ސަބަބުން ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބި، ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ފެކަލްޓީގެ ސަބަބުން، ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭ ދިރާސާތަކާއި ތަޙުލީލުތައް އިތުރުވެ، އާ އުފެއްދުންތަކާއި ޓެކްނޮލޮޖީތައް ތަޢާރަފުވެގެންދާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަވެރި ދާއިރާއަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި ތޮއްޑޫ ކައުންސިލްގެ އިސްވެރިން

މި މުހިންމު މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. 

ތޮއްޑޫގެ ރައްޔިތުންނަށް އެ ރަށުގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބި، ތަރައްޤީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ތޮއްޑޫގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެކަން ޔަޤީނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ޢަމަލީ ސިފައެއްގައި ތަންފީޛުކުރަން ފެށިގެން މިދިޔައީއެވެ. މި ތާރީޚީ މުހިންމު ހާދިސާއަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އާ އުއްމީދުތަކަކާއި ފުރުޞަތުތަކެއް ހުޅުވިގެންދިޔުމުގެ ފެށުމެވެ.

ޔުނިވަރސިޓީން ހާމަކޮށްފައިވާ ގޮތުގައި، މި ފެކަލްޓީގައި ޤާއިމުކުރެވޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތައްޔާރުކުރުމަށް މަގުފަހިވާނެއެވެ.

މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ތޮއްޑޫ ކައުންސިލުން ދެއްވި އެއްބާރުލެއްވުމަށް ޔުނިވަރސިޓީގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި އެގްރިކަލްޗަރ މިނިސްޓަރަށާއި މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވާ އެންމެހައި ފަރާތްތަކަށްބވެސް ޚާއްޞަ ޝުކުރެއް ރައްދުކޮށްފައިވެއެވެ.

މި ފެކަލްޓީ ޤާއިމުވުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ދަނޑުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ފާހަގަކޮށް، މި މަޝްރޫޢުގެ ސަބަބުން ދިވެހި ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވި، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ޔަޤީންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު