ENGLISH

09 މޭ 2025

Advertisement

ރާއްޖޭގެ ރިސޯޓުތަކަށްވުރެ ގެސްޓުހައުސްތަކުގެ ޑިމާންޑް ބޮޑުވެއްޖެ

25 އޭޕްރީލު 2025

|

އަހުމަދު ސައީދު

ރާއްޖެގާއި ގެސްޓުހައުސްގެ ވިޔަފާރި ފުރަތަމަ ފެށުނު ކ. މާފުށި: މިހާރު 818 ގެސްޓުހައުސް މުޅި ރާއްޖޭގައި ހިންގާ-- ފޮޓޯ/ މޯލްޑިވްސްއައިލެންޑްސްރިސޯޓްސް

ރާއްޖޭގައި ހިންގަމުންގެންދާ ރިސޯޓްތަކަށްވުރެ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކުގެ ޑިމާންޑް ބޮޑުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޯމަ ދުވަހުގެ ނިޔަލަށް 788،650 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، ރާއްޖެ އައި ޓޫރިސްޓުންގެ 70 ޕަސެންޓް ރިސޯޓަތައް އަދި 24 ޕަސެންޓް ގެސްޓުހައުސްތައް ހިއްސާކުރެއެވެ. ހޮޓާތައް ތިން ޕަސެންޓް ހިއްސާކުރާއިރު، ޓޫރިސްޓު އުޅަނދުތައް ހިއްސާކުރަނީ 2.5 ޕަސެންޓެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރަޖިސްޓްރިކޮށްފައިވާ އެނދުގެ ނިސްބަތަށް ބަލާއިރު، މިހާރު ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ޑިމާންޑް ބޮޑީ ގެސްޓުހައުސްތަކެވެ. ހިނގަމުން ގެންދާ އެނދުގެ ނިސްބަތަށް ބަލާއިރު ރިސޯޓްތަކުގައި ހުރި އެނދަކަށް ޖެހެނީ 12.8 ޓޫރިސްޓުންނެވެ. ނަމަވެސް ގެސްޓުހައުތަކުގެ އެނދަކަށް 13.6 ޓޫރިސްޓުން ޖެހެއެވެ. 

އެނދަކަށް ޖެހޭ ނިސްބަތުން ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު

  • ރިސޯޓްތައް- އެނދަކަށް 12.8 މީހުން (43153 އެނދު، 553،940 ޓޫރިސްޓުން)
  • ގެސްޓުހައުސްތައް- އެނދަކަށް 13.6 މީހުން (13،996 އެނދު، 191،069 ޓޫރިސްޓުން)
  • ހޮޓާތައް- އެނދަކަށް 11.5 މީހުން (2،038 އެނދު، 23،450 ޓޫރިސްޓުން) 
  • އުޅަނދުތައް- 6.2 މީހުން (3180، އެނދު، 19،680 ޓޫރިސްޓުން) 

ބުކިން ޑޮޓްކޮމްގައި ހުރި އަގުތަކަށް ބަލާއިރު، ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓުހައުސްތައް ވިއްކާ ރޭޓްތައް ވެސް ދަށެވެ. ބައެއް ގެސްޓުހައުސްތަކުން ކޮޓަރިއެއް ރެއަކަށް 40 ޑޮލަރަށް ވިއްކާއިރު، ގިނަ ގެސްޓުހައުސްތަކުގެ އަގު ހުރީ 100 ޑޮލަރަށްވުރެ ދަށުގައެވެ. އަދި ބައެއް ރިސޯޓްތަކުން ކޮޓަރިއެއް 200 ޑޮލަރަށް ވެސް ލިބެން އެބަހުއްޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދެން ފާހަގަކުރެވެނީ، ޔޫރަޕުގެ ބޮޑެތި މާކެޓްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތް ރަނގަޅުކަމެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް މާކެޓުގެ ތެރެއިން ހަތަރު މާކެޓަކީ ޔޫރަޕުގެ ގައުމުތަކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމު

  • ޗައިނާ 85،469 ޓޫރިސްޓުން
  • އިނގިރޭސިވިލާތް 84،723 ޓޫރިސްޓުން
  • ރަޝިޔާ 80،668 ޓޫރިސްޓުން
  • އިޓަލީވިލާތް 72،000 ޓޫރިސްޓުން
  • ޖަރުމަނުވިލާތް 61،478 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ 2.3 މިލިއަން ޓޫރިސްޓު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ފުރަތަމަ ފަހަރަށް ރާއްޖެ އައީ މިދިޔަ އަހަރެވެ. ރާއްޖޭގައި 1972 ވަނަ އަހަރު ޓޫރިޒަމް ފެށުނު ފަހުން މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު