ENGLISH

09 މޭ 2025

Advertisement

ވަގަށް އެތެރެކުރި މިލިއަނަކަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން "އަންދާލައިފި"

25 އޭޕްރީލު 2025

|

އަހުމަދު ސައީދު

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކ. ދޫނިދޫގައި ސިނގިރޭޓުތައް ނައްތާލަނީ-- ފޮޓޯ/އެމްއެމްޓީވީ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މިލިއަނަކަށްވުރެ ގިނަ ސިނގިރޭޓު އިއްޔެ ނައްތާލާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކ. ދޫނިދޫގައި އަންދާ ނައްތާލާފައި ވަނީ 1,359,180 (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަހާސް އެއް ސަތޭކަ އަށްޑިހަ) ސިނގިރޭޓު ކަމަށެވެ. އެއީ ގާތްގަނޑަކަށް 135 ކޭސް ސިނގިރޭޓެވެ. ބާޒާރުގެ އަގުން އަންދާޒާކުރާއިރު، 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސިނގިރޭޓެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޕޯސްޓުން ނަގާފައި 

ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި އެއީ ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ސިނގިރޭޓް ތަކެކެވެ. އެ ތަކެތި ނައްތާލައިފައި ވަނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންނެވެ. 

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކަ އަށްވުރެ ގިނަ ސިނގިރޭޓު މީގެ ފަސް ދުވަސް ކުރިން ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވެއެވެ. ވަގަށް އެތެރެކުރަން އުޅެނިކޮށް 130،155 ސިނގިރޭޓް އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. 

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް މިދިޔަ ނޮވެމަބަރު މަހުގެ 15 ވަނަ ދުވަހު އަމަލުކުރަން ފެށި ހިސާބުން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމާއި، ސިގިނރެޓް ވަގަށް ގެންގުޅުން ފަދަ ކަންކަން ވަނީ އިތުރުވެފައެވެ. އެ ޤާނޫނުގައިވާ ގޮތުން ކުރިއަށް އޮތް ތަނުގައި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކޭނީ އެކަމަކަށް ވަކި ލައިސަންސެއް ނަގައިގެންނެވެ. 

  

ކިޔުންތެރިންގެ ހިޔާލު