ENGLISH

21 އޭޕްރީލު 2025

Advertisement

ޤައުމީ ވޮލީ ލީގު: ޕޮލިސް ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

21 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕޮލިހާއި ސިޓީ ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިޓީ ފްރެންޑްސް ކްލަބް އަތުން ޕޮލިސް ކްލަބް މޮޅުވެއްޖެ އެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ޕޮލިސް ކްލަބް ކުޅުނު ދެވަނަ މެޗެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. ސިޓީ ފްރެންޑްސް ކްލަބު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ކުޅުނު މެޗުން ޕޮލިސް ކްލަބް މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ޕޮލިސް ކްލަބް ކާމިޔާބުކުރީ 26-24، 25-20، އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ސޯފިއާ ކްރެކާ އެވެ.

މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ބައިވެރިވެފައިވާއިރު، ހުރިހާ ޓީމެއްގެ މެދުގައި ކުޅޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. އަދި ލީގަށްފަހު ދެން ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތު ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށެވެ.

މި މުބާރާތުގައި ޕޮލިހުން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކްލަބާ އެވެ. މި މެޗު ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު