ENGLISH

18 ޖޫން 2026

Advertisement

ހިތާމަވެރި ހާދިސާތައް ކަޑައްތުކުރުމަށްފަހު، އައިމަން ވޯލްޑް ކަޕުގެ ތާރީޚުގެ ތެރެއަށް

18 ޖޫން 2026

|

ސުވެއިދާ ހުސެއިން

އިރާގުގެ ފޯވާޑް އައިމަން ހުސައިން: ހިތާމަވެރި އެތައް ހާސިދާތަކެއް ކަޑައްތުކޮށް ވޯލްޑް ކަޕުގެ ތާރީޚުގެ ތެރެއިން ޖާގަ ހޯދި ހިތްވަރުގަދަ ކުޅުންތެރިއެއް -- ފޮޓޯ: އޭޕީ

ވޯލްޑް ކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗުން ނޯވޭ އަތުން 4-1 ގެ ނަތީޖާއަކުން އިރާގު ބަލިވިއެެވެ. ނަމަވެސް އެ ޓީމުގެ ހުނަރުވެރި ފޯވާޑުގެ ނަން މި ވަނީ ވޯލްޑް ކަޕުގެ ތާރީޚުގެ ތެރެއަށް ދަތުރުކޮށްފައެވެ. އެއީ އިރާގަށް ލަނޑު ޖަހައިދިން ހުސައިން އައިމަނެވެ.

މެޗުގެ 39 ވަނަ މިނެޓުގައި އައިމަން ބޮލުން ފޮނުވާލި ރީތި ހަމަލާއަކުން ވަނީ ގޯލް ފޫއަޅުވާލައި، ނޯވޭއާ އެއްވަރުކޮށްފައެވެ. މިއީ 40 އަހަރަށްފަހު އިރާގު ވޯލްޑް ކަޕަށް އެނބުރި އައި ފުރަތަމަ މެޗުގައި އެ ގައުމުގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް އުފާވެރި ވަގުތުކޮޅެކެވެ.

ނަތީޖާގެ ގޮތުން އެ ވަގުތު ހަމަޖެހިލި ނަމަވެސް، އެއީ އިރާގުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕުގައި އެ ގައުމުން ޖެހި ދެވަނަ ލަނޑެވެ.

"އޭނާއަކީ ޕެނަލްޓީ އޭރިއާ ތެރޭގައި ހިފަހައްޓަން ވަރަށް އުނދަގޫ ކުޅުންތެރިއެއް. އޭނާއާ މެދު އަހަރެން ވަރަށް ބޮޑަށް އުފާކޮށް ފަޚުރުވެރިވޭ،" އިރާގުގެ ހެޑް ކޯޗު ގްރަހަމް އާނޯލްޑް ބުންޏެވެ.

އައިމަންގެ ވޯލްޑް ކަޕް ދަތުރަކީ މުޅިން ތަފާތު މިސްރާބަކަށް ހިނގައިދާނެ ފަދަ އެތައް ހުރަސްތަކެއް ކުރިމަތިވި ދަތުރެކެވެ. މި ދަތުރަށް ބަލާލަމާ ހިނގާށެވެ.

އިރާގުގެ ފޯވާޑް އައިމަން ހުސައިން ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު --- ފޮޓޯ: އޭޕީ

އައިމަން ބޮޑުވީ އިރާގުގެ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އެ ދުވަސްވަރު ފުޓްބޯޅައަކީ އެ ޤައުމުގެ ރައްޔިތުން ގުޅުވައިދިން އެންމެ ބޮޑު ބާރެވެ. 2007 ވަނަ އަހަރު ހުރިހާ ހުރަސްތަކަކާއެކުވެސް އިރާގުން އޭޝިއަން ކަޕް ކާމިޔާބުކުރުމުން މުޅި ގައުމުގައި އުފާފާޅުކުރިއެވެ.

އެ ދުވަސްވަރު އިރާގުގެ ކުޅުންތެރިންނަކީ ސެމީ-ޕްރޮފެޝަނަލް ކުޅުންތެރިންނެވެ. ޤައުމުގެ ސަލާމަތީ ނުރައްކަލުގެ ސަބަބުން އެ މީހުންނަށް މުބާރާތަށް ތައްޔާރުވާން ޖެހުނީ އުރުދުންގައެވެ. ސެމީ ފައިނަލްގައި ދެކުނު ކޮރެއާ އަތުން ލިބުނު ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށް، ބަޣުދާދުގައި ދިން ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވުމުން އެ އުފާވެރިކަމަށް ހިތާމަވެރިކަން ވެރިވިއެވެ.

ޒުވާން އައިމަންގެ އަމިއްލަ ދިރިއުޅުމުގައިވެސް ކުރިމަތިވީ ބޮޑެތި ހިތާމަތަކާ

އޭނާގެ އުމުރުން އެންމެ 12 އަހަރުގައި، 2008 ވަނަ އަހަރު، އިރާގު ސިފައިންގެ ތެރޭގައި މަސައްކަތްކުރި އޭނާގެ ބައްޕަ ވަނީ އަލްގައިދާގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޤައުމުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އޭނާގެ ބޭބެ ވަނީ ވަގަށް ނަގާފައެވެ. އޭގެ ފަހުން ބޭބެގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

"އަހަރެން ނިންމީ އާއިލާ ބެލެހެއްޓުމަށްޓަކައި ފުޓްބޯޅަ ކުޅުން ހުއްޓާލަން. އެކަމަކު އަހަރެންގެ މަންމަ އެކަމާ ދެކޮޅު ހެދި،" އައިމަން ބުންޏެވެ.

އޭގެ ބަދަލުގައި، މަންމަ ބޭނުންވީ، އަދި ހިތްވަރު ދިނީ އައިމަން، އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. އެ ހިތްވަރާއެކު އޭނާ ވަނީ 1986 ވަނަ އަހަރަށްފަހު، ފުރަތަމަ ފަހަރަށް އިރާގު ވޯލްޑް ކަޕަށް ގެންގޮސްދީފައެވެ.

އުމުރުން 30 އަހަރުގެ މި ފޯވާޑުގެ މި ދަތުރަކީ އޮމާން ދަތުރެއް ނޫނެވެ. މިފަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއަށް ދިޔަ މަގުމަތީގައި، ޝިކާގޯގެ އެއާޕޯޓުން އޭނާ ހިފަހައްޓައި، ހަތް ގަޑިއިރެއްހާއިރު ސުވާލުކުރިއެވެ. އެންމެ ފަހުން އޭނާއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބުނު ނަމަވެސް، އިރާގު ޓީމުގެ ފޮޓޯގްރާފަރ ޠަލާލް ޞަލާހަށް އެ ހުއްދައެއް ނުލިބުނެވެ.

އިރާގުގެ ފޯވާޑް އައިމަން ހުސައިން ނޯވޭ ކޮޅަށް ލަނޑު ޖެހުމަށްފަހު --- ފޮޓޯ: ރޮއިޓަރސް

ނޯވޭގެ ގޯލްކީޕަރު އޯޖަން ނައިލަންޑް ކޮޅަށް އައިމަން ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ވަދެގެންދިޔަ ވަގުތަކީ އޭނާއަށް ލިބުނު ވަރަށް ފަޚުރުވެރި ވަގުތެކެވެ.

ނޯވޭއާ ދެކޮޅަށް އައިމަން ދެއްކި ކުޅުމަކީ އޭނާގެ ކުރިއެރު ގާތުން ބަލަމުން އައި މީހުންނަށް ލިބުނު ހައިރާންކަމެއް ނޫނެވެ. 2023 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ އިރާގު ޓީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޚާއްސަކޮށް ވައިގެ ތެރޭގައި އޭނާ ދައްކާ ހުނަރާއި ޕެނަލްޓީ އޭރިއާ ތެރޭގައި ލަނޑުޖެހުމަށް ހުންނަ ކުޅަދާނަކަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައިވެސް އޭނާއަކީ އިރާގު ޓީމުގެ އެންމެ ތަފާތު ކުޅުންތެރިޔާއެވެ. އެގޮތުން ޖުމްލަ 12 ލަނޑު ކާމިޔާބުކޮށް، ޕްލޭއޮފް މެޗުތަކުން މޮޅުވެ އިރާގު މުބާރާތަށް ކޮލިފައިވުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރިއެވެ. މިދިޔަ މާރިޗު މަހު ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އިރާގު މޮޅުވި ލަނޑު ޖަހައި، ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްދިނީވެސް އައިމަނެވެ.

ކަން މިހެން އޮތްނަމަވެސް އޭނާ މިހާރު ކުޅެމުންދާ އަލް-ކަރްމާ ކުލަބުގައި އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން، ވޯލްޑް ކަޕަށް އައިއިރު އޭނާގެ ފޯމާ މެދު ބައެއް މީހުން ސުވާލު އުފެއްދިއެވެ. އެކަމަކު މި މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް އޭނާ ދެއްކި ހިތްވަރުގަދަ ކުޅުމުން އެ ހުރިހާ ފާޑުކިޔުންތަކަށް ވަނީ ޖަވާބު ދީފައެވެ.

"މި ސީޒަނުގައި އޭނާއަށް ބައެއް އަނިޔާތަކާ ކުރިމަތިވި. ނަމަވެސް އެ ހުރިހާ ކަމަކަށް ފަހުވެސް މުޅި މެޗުގައި އެފަދަ ހަކަތައަކާއެކު ކުޅެ، ލަނޑެއް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" ކޯޗު އާނޯލްޑް ބުންޏެވެ.

އައިމަން މި ފެންވަރުގައި ކުޅުން ކުރިއަށް ގެންގޮސްފިނަމަ، 2022 ވަނަ އަހަރުގެ ރަނަރަޕް ފްރާންސާއި ސެނެގޯލް ހިމެނޭ ވަރުގަދަ ގްރޫޕް އައި އިން އިރާގަށް ކުރިއަށްދެވިދާނެ ކަމުގެ އުއްމީދު އައުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު