ENGLISH

18 ޖޫން 2026

Advertisement

ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ކޮނާޓޭ ރެއާލް މެޑްރިޑަށް

18 ޖޫން 2026

|

އިސްމާއިލް ޝާހު

ލިވަޕޫލަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު އިބްރަހީމާ ކޮނާޓޭ ---

ފްރާންސްގެ ޑިފެންޑަރު އިބްރަހީމާ ކޮނާޓޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފައިވާކަން އެ ކުލަބުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

ކޮނާޓޭއާއެކު ރެއާލް މެޑްރިޑުން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މި މަހުގެ 30 ގައި ލިވަޕޫލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން ރަސްމީކޮށް ރެއާލާ ގުޅޭނެއެވެ. ކޮނާޓޭ ވަނީ އައު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، މި ހޫނު މޫސުމުގައި އެއްބަސްވުން ހަމަވުމުން ލިވަޕޫލް ދޫކޮށްލާނެކަން މީގެ ކުރިން އިއުލާންކޮށްފައެވެ.

ޖޯސޭ މޮރީނިއޯ ދެވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން ރެއާލުން ވަނީ ކޮނާޓޭގެ އިތުރުން ޕޯޗުގަލްގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ އަދި ސްޕެއިންގެ ފުލްބެކް މާކް ކުކުރެޔާގެ ސޮއިވެސް ހޯދާފައެވެ. 2021 ވަނަ އަހަރު އާރްބީ ލައިޕްޒީގުން ލިވަޕޫލާ ގުޅުނު ކޮނާޓޭ ވަނީ އެ ޓީމަށް 183 މެޗު ކުޅެދީފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕުގެ އިތުރުން ދެ ފަހަރެއްގެ މަތިން ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ފަސް އަހަރުގެ ކާމިޔާބު ދުވަސްތަކަކަށްފަހު އޭނާ މިހާރު މިވަނީ ސްޕެއިންގެ ފުޓްބޯޅައަށް މިސްރާބު ޖަހާފައެވެ.

ވޯލްޑް ކަޕް ކުރިއަށްދިޔަ ނަމަވެސް، މޮރީނިއޯ ވަނީ ރެއާލް މެޑްރިޑުގެ ޓްރާންސްފާގެ ކަންކަން ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޗެލްސީން 51.8 މިލިޔަން ޕައުންޑަށް ގެނައި ކުކުރެޔާގެ ސޮއި ހޯދުމަށްފަހު، ހިލޭ ޓްރާންސްފާގެ ދަށުން ކޮނާޓޭ އާއި ބާނާޑޯވެސް މި ވަނީ ޓީމާ ގުޅިފައެވެ.

މީގެ އިތުރުން، ރެއާލް މެޑްރިޑްގެ ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންނެވި ފްލޮރެންޓީނޯ ޕެރޭޒް ވަނީ އިންޓަރ މިލާންގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް 17 މިލިއަން ޕައުންޑަށް ގެނައުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު