ENGLISH

18 ޖޫން 2026

Advertisement

ނަޝީދަށް ރައްދެއް: ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ

18 ޖޫން 2026

|

އަޙުމަދު ޙަމީދު

ޤަތަރަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އާދަމް ޝަރީފް އުމަރު

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން ދިވެހިރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ޤަތަރަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވާއި ގުޅިގެންނެވެ. ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން ދިވެހިރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.

އެކަން ރައްޔިތުންނަަށް އެނގެންޖެހެނީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުން އެދޭ ތަރައްޤީއަަށް ބޭނުން ކުރަންޖެހޭ ފައިސާ، ކުރީގެ ސަރުކާރުތަކުން އުފެއްދި ދަރަންޏަށް ހޭދަ ކުރަންޖެހޭތީ ކަމުގައި ވިދާޅުވި އެވެ.

"ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ. އެކަން ރައްޔިތުންނަަށް އެނގެންޖެހެނީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުން އެދޭ ތަރައްޤީއަަށް ބޭނުން ކުރަންޖެހޭ ފައިސާ، ކުރީގެ ސަރުކާރުތަކުން އުފެއްދި ދަރަންޏަށް ހޭދަ ކުރަންޖެހޭތީ" - އާދަމް ޝަރީފް އުމަރު - ޤަތަރަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު

ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ދާދިފަހުން އޮތް ޖަލްސާއެއްގައި ރާއްޖޭގެ ދަރަނީގެ ޙާލަތާއި އެ ދަރަނި އުފެދިގެން އައި ގޮތް ވަރަށް ތަފްސީލްކޮށް ރައީސް މުޢިއްޒު ވިދާޅުވެ ދެއްވާފައިވަނިކޮށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.2 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރިއެވެ. 2018 ވަނަ އަހަރު ގާއިމުކުރެވުނު އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް ހަރަދުކުރީ 428.68 މިލިއަން ޑޮލަރެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރައި ބައިގެ ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކުރީ 191.25 މިލިއަން ޑޮލަރެވެ. 

އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކޮށްފައިވަނީ 953.93 މިލިއަން ޑޮލަރެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި 2013 އިން 2018 އަށް ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުވީ 418.17 މިލިއަން ޑޮލަރެވެ. 

ރައީސްވަނީ މި ސަރުކާރުން އަދާކުރި 1.29 ބިލިއަން ޑޮލަރުގެ ދަރަންޏަކީ ކޮން ސަރުކާރަކުން އުފަންކުރި ދަރަނިކަން ހާމަކުރައްވާފައެވެ. އެ ފައިސާގެ ތެރެއިން 2023 ވަނަ އަހަރުން ފެށިގެން 2026 ގެ ނިޔަލަށް އަލަށް އުފަންވި ދަރަންޏަކީ 4.9 މިލިއަން ޑޮލަރެވެ. 

މި ސަރުކާރުން ދައްކައި ހަލާސްކުރި ދަރަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައަކީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެއިރު އޮތް އެމްޑީޕީ ސަރުކާރުގައި އުފެއްދި ދަރަންޏެވެ. އެއީ 891.2 މިލިއަން ޑޮލަރެވެ. 2013 އާއި 2018 އާ ދެމެދުގެ ސަރުކާރުން އުފެއްދި 195.7 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައި ހަލާސްކުރި އެވެ. 

އަދި 2008 އިން 2013 އާ ދެމެދުގައި އެއިރުގެ ދެ ސަރުކާރުން އުފެއްދި ދަރަނީގެ ތެރެއިން 62.5 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ހަލާސްކުރިއިރު، 2008 ގެ ކުރިން އެއިރުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 38.1 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ހަލާސްކުރި އެވެ. 

މި ސަރުކާރުން ދެއްކި ދަރަނީގެ އިތުރަށް އެކި ސަރުކާރުތަކުން އުފައްދާފައިވާ ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނީގެ ތަފުސީލުތައްވެސް ރައީސް ހާމަކުރެއްވިއެވެ. މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކުރިއަށް އޮތް އަހަރުތަކުގައި ދައްކަންޖެހޭ ދަރަނީގެ ގޮތުގައި އޮތީ 219.7 މިލިއަން ޑޮލަރެވެ. 

ނަމަވެސް 2018 އިން 2023 އަށް އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ 1.14 ބިލިއަން ޑޮލަރުގެ ދަރަނި އޮތްއިރު 2013އާއި 2018 އާ ދެމެދުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 710.4 މިލިއަން ޑޮލަރު ދައްކަން އޮތްއިރު، 2008 އިން 2013އާ ދެމެދުގައި ނަގާފައި އޮތް ދަރަނީގެ ތެރެއިން 150.4 މިލިއަން ޑޮލަރު ދައްކަންް އެބައޮތެވެ. އަދި 2008ގެ ކުރިން ނަގާފައިވާ ދަރަނީގެ ތެރެއިން 106.3 މިލިއަން ޑޮލަރު ކުރިއަށް އޮތް މުއްދަތުގައި ދައްކަންޖެހިފައި އެބައޮތެވެ. 

ކިޔުންތެރިންގެ ހިޔާލު