ENGLISH
20 އޭޕްރީލު 2025
އެސްޑީއެފްސީ އިން މާލީ ހޭލުންތެރިކަމާ ގުޅޭ ވޯކްޝޮޕެއް ބާއްވަނީ
20 އޭޕްރީލު 2025
|
އެސްޑީއެފްސީ. އެ އިދާރާއިން ވަނީ ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ބާއްވަން ނިންމާފައި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މާލީ ހޭލުންތެރިކަން އިތުރުކުމާ ގުޅޭ ވޯކްޝޮޕެއް ބާއްވަން ނިންމައި، ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
އެ އިދާރާއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ ވޯކްޝޮޕް އަމާޒުކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔާފާރިވެރިންނަށް ކަމަށެވެ. އެސްޑީއެފްސީ އިން މިހާރު ވަނީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ރަޖިސްޓަރވުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 23 ވަނަ ދުވަހެވެ.
ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 26 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 16:30 އަށެވެ. ވޯކްޝޮޕް އޮންނާނީ މެންހެޓަން ބިޒްނަސް ހޮޓެލްގައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެސްޑީއެފްސީ އިން އަންނަނީ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލަމުންނެވެ.
އެ އިދާރާއިން އެންމެ ފަހުން ހުޅުވާލީ ވިޔަފާރި އެހީގެ ފުރުސަތެވެ. މިދިޔަ މާޗް މަހު ހުޅުވާލި އެ ފުރުސަތާއެކު، މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމުގެ އިތުރުން ހިނގަމުންދާ ވިޔަފާރިއާ ގުޅުންހުރި ދާއިރާގެ ތެރެއިން މެޝިނަރީ އާއި އިކުއިޕްމަންޓް ގަތުމަށް ލޯނަށް އެދި ހުށަހެޅޭނެއެވެ.
ވިޔަފާރި އެހީ ލޯނު ފުރުސަތުގެ އިތުރުން، ރަށު ފަތުރުވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއިން ވެސް އެ އިދާރާއިން ފުރުސަތުތައް ހުޅުވާލާފައިވެއެވެ. އަދި، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރީގެ ފުރުސަތުތަކާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ފުރުސަތުތައް ވެސް އެސްޑީއެފްސީން އަންނަނީ ހުޅުވާލަމުންނެވެ.