ENGLISH
20 އޭޕްރީލު 2025
އެމްއެމްޕީއާރުސީން ލިވަރޕޫލްއާ އެކު ހެދި ޕާޓްނާޝިޕްގެ ފައިދާ އަރަބިއަން ޓްރެވަލް މާކެޓުން ފެންނާނެ
20 އޭޕްރީލު 2025
|
ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، އިސްތިހާރުކުރުމަށް އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ލިވަރޕޫލް އެފްސީއާ އެކު ވެވުނު އެެެއްބަސްވުމުގެ ސަބަބުން، މި އަހަރު ރާއްޖެއިން އެންމެ އިސްކަމެއް ދީގެން ބައިވެރިވާ ބައިނަލްއަގުވާމީ ޓޫރިޒަމް ފެއަރ ކަމަށްވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖޭގެ އެކްސްޕޯޝާ ބޮޑުތަނުން އިތުރުވެގެންދާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝިޢުރީ ވިދާޅުވީ، މިމަހުގެ 28 އިންފެށިގެން 4 ދުހަވަހުގެ މުއްދަތަަށް ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ 31 ވަނަ އޭޓީއެމް ފެއަރގައި އެކި ވަސީލަތްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ޓޫރިޒަމް، ލިވަަރޕޫލްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، މާކެޓް ކުރެވިގެންދާނެކަމަށެވެ.
ދުބާއީގައި ރާއްޖެ އިސްތިހާރުކުރުމުގައި ލިވަރޕޫލްގެ މަޝްހޫރު ކުޅުންތެރިންގެ ފޮޓޯ ބޭނުންކުރާނެ ކަމަށާއި، އެގޮތުން ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖެ އިސްތިހާރު ކުރުމުގައި ވެސް ލިވަރޕޫލްގެ ކުޅުންތެރިންގެ ފޮޓޯ ބޭނުން ކުރާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ. ލިވަރޕޫލަށް ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި މިހާރު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ މިސްރުގެ މުހައްމަދު ސަލާހްގެ އިތުރުން 2019 ވަނަ އަހަރު ޔޫރަޕުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހާސިލްކުރި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ވާޖިލް ވެންޑައިކް ހިމެނެއެވެ.
މީގެ އިތުރުން އޭޓީއެމް ފެއާރގައި ރާއްޖެއަށް ޚާއްސަކޮށްފައިވާ ސަރަހަައްދަށް ވަންނަ މައި ދޮރާށިން ވެސް ލިވަރޕޫލް އާއި ރާއްޖެއާ ގުޅުންހުރި ތަފާތު އިސްތިހާރުތައް ފެނިގެންދާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރީޖަނަށް ވަންނަ އެންމެންނަށް ފެނިގެންދާނެ. ވަންނަ ދޮރު ބޮޑު ކޮރިޑޯއެއްގޮތަށް، ލިވަޕޫލްގެ ބައެއް ކުޅުންތެރިންނާއި ރާއްޖޭގެ ބްރޭންޑިން. މީގެ އިތުރުން ރާއްޖޭގެ ސޮޓޭންޑްއިން ވެސް ލިވަރޕޫލްގެ ބައިތަކެއް ފެނިގެންދާނެ އަދި ލިވަރޕޫލްއާ ގުޅުންހުރި ފޮޓޯ ޕޮރޮޕްސް ފެނިގެންދާނެ. އަޅުގަނޑުމެން އުއްމީދު ކުރަނީ ލިވަރޕޫލް އާއި އަޅުގަނޑުމެންނާ މި އޮތްެ އެއްބަސްވުމުގެ ދަށުން މިކުރެވޭ މަސައްކަތުން ވަރަށް ގިނަ ބައެއްގެ ލޯތައް ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ހުއްޓިގެންދާނެ." - އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހިމް ޝިޢުރީ
ލިވަރޕޫލްއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން މީގެ ކުރިން އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއްވަނީ ހިންގައިފައެވެ. މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްލެވެއެެވެ.