ENGLISH

19 އޭޕްރީލު 2025

Advertisement

ފަހު 10 އާއި ޢީދަށް ޣައްޒާއަށް ދިޔަ ޑޮކްޓަރު: ހިތްދަތި މަންޒަރުތަކަށް ﷲ ދެއްވި ކެތްތެރިކަން

18 އޭޕްރީލު 2025

|

އަހުމަދު ސައީދު

ޑރ. ފަރުހާން އަބްދުލް އަޒީޒު ޔަގީން ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ.

ރަމަޟާން މަހުގެ ފަހު ހަފުތާ އާއި ފިތުރު އީދު، ޣައްޒާގައި ހޭދަކުރެއްވި އެމެރިކާގެ ޑރ. ފަރުހާން އަބްދުލް އަޒީޒު ވަނީ ޣައްޒާގެ ރައްޔިތުންނަށް އެތައް އިންސާނީ އެހީއެއް ފޯރުކޮށްދީފައެވެ. އެމަޖެންސީ މެޑިސިން ފިޒިޝަނެއް ކަމަށްވާ ފަރުހާން ވަނީ ފަސް ފަހަރެއްގެ މަތިން ޣައްޒާ އަށް ދަތުރުކުރައްވައިފައެވެ.

އެމެރިކާގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޑރ. ޢުމަރު ސުލައިމާންގެ ޔަގީން އިންސްޓިޓިއުޓް ފޯ އިސްލާމިކް ރިސާޗް އިން ވަނީ، ފަރުހާންގެ އިންޓަވިއުއެއް ގެނެސްދީފައެވެ. 

ފަރުހާން ވިދާޅުވި ގޮތުގައި އޭނާ ހިމެނޭ ޑޮކްޓަރުންގެ ޓީމުން ދުރާލައި ދަތުރު ރޭވީ ރަމަޟާން މަހުގެ ފަހު ދިހައަށް، 21 ވިލޭރޭގެ ކުރިން ޣައްޒާއަށް އެތެރެވުމަށެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް އިސްރާއީލުން ހުއްދަ ދިނުން ލަސްކުރުމަށްފަހު، ޣައްޒާއަށް އެތެރެވާން ހުއްދަ ލިބުނީ އޭނާ އަށް އެކަންޏެވެ. އެއީ ޣައްޒާ އަށް އެތެރެވާން ކަނޑައަޅާފައި އޮތް ދުވަހުގެ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.

"މިދިވާ ގޮތަކީ ފިޒިޝަނުން ޣައްޒާއަށް އެތެރެވުން އިސްރާއީލުން މަނާކުރަނީ. ފުރުމުގެ ކުރިން ޣައްޒާ އަށް އެތެރެ ނުވެވޭނެ ކަމެއް ނޭނގޭނެ. ދަތުރުމަތީގައި އުޅެނިކޮށް އެނގޭނީ ހުއްދަ ނުދިންކަން. އެ ދުވަހު ދަތުރުކުރި ދެ މިޝަނުގެ ޑޮކްޓަރުންގެ ތެރެއިން ވެސް އެތެރެވާން ހުއްދަ ލިބުނީ އަހަރެންނަށް އެކަނި،" ފަރުހާން ތަޖުރިބާ ހިއްސާ ކުރެއްވިއެވެ.

ހިލޭ ސާބަހަށް ޚިދުމަތްކޮށްދޭން އަޒުމް ކަނޑައަޅައިގެން ދާ ޑޮކްޓަރުންނަށް ޣައްޒާއަށް އެތެރެ ނުވެވުމުން އެމީހުންގެ ލޮލުން ކަރުނަ ފާއްދާލާކަމަށް ފަރުހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޣައްޒާގެ މުސްލިމުންނަށް ޚިދުމަތްކޮށްދޭން ޑޮކްޓަރުން ދަނީ އެމީހުންގެ ހިތުގެ އަޑިން އެކަމަށް އެދިގެން ކަމަށެވެ.

"އަހަރެންނާ ބައްދަލުވެ ވާހަކަ ދެއްކި މީހަކު، އޭގެ 90 މިނިޓް ފަހުން ޝަހީދުކޮށްލި. ޑޮކަޓަރުން ޣައްޒާއަށް ދަނީ އެއީ މަރާ ކުރިމަތިލުމެއްކަން އެނގިތިބެ،" ޣައްޒާއަށް ދިއުމަކީ ކިހާ ނުރައްކާ ކަމެއްކަން ބަޔާންކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ތަފާތު ތަޖުރިބާތަކުގެ ވާހަކަ ދައްކަވަމުން ފަރުހާން ވިދާޅުވީ އުމުރުން ފަސްދޮޅަހުގެ ފަހުކޮޅުގެ އަހަރުތައް ގުނަމުންދާ ޖަރުމަނުގެ ނިޔުރޯސާޖަންއަކާއި ދަތުރެއްގައި ބައްދަލުވި ކަމަށެވެ. ގައިބާރު މިހާރު ދެރަވެފައިވާ އެ ޑޮކްޓަރު 37 ފަހަރަށް ޣައްޒާގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ގޮސްފައިވާއިރު، ޣައްޒާގައި އޭނާ ހޭދަކުރާ ކޮންމެ ދުވަހަކީ ސުންނަތް ރޯދައަށް ހުންނަ ދުވަހެކެވެ. އަދި ބަރާބަރަށް ދަމު ނަމާދުކުރާ އެ ޑޮކްޓަރު ޣައްޒާއިން އެނބުރި ދިއުމުމުގެ ކުރިން، ކޮންމެ ފަހަރަކު ބޯބާލާކަން ފަރުހާން ފާހަގަ ކުރެއްވިއެވެ.

ދަތުރުގައި ބައްދަލުވި އެހެން މީހެއްގެ ވަހަކަ ހިއްސާކުރައްވަމުން ފަރުހާން ވިދާޅުވީ ވަރަށް ރީތިކޮށް ހެދުން އަޅާފައިހުރި އުމުރުން 79 އަހަރުގެ މިސްރުގެ މީހަކާ ބައްދަލުވި ކަމަށެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އެމީހާ ފަލަސްތީނަށް ދިޔައީ، އެ މުސްކުޅި މީހާ ކައިވެނިކޮށްގެން އުޅެނީ ފަލަސްތީން މިހަކާ ކަމަށްވާތީ އަންހެނުންގެ އާއިލާގެ މީހުންނާ ބައްދަލުކޮށްލުމަށެވެ. އެމީހާގެ އަންހެނުން ދިރިއުޅެނީ މިސްރުގައެވެ.

"އަހަރެން ހިތަށްއެރި މި މުސްކުޅި މީހާއަށް އެއްވެސް ހުރަހެއް ނެތޭ މިސްރަށް އެނބުރި ދިއުމަކަށް. ކީއްވެ ބާއޭ ރޯދަމަސް ނިމުނުއިރުވެސް މިތަނުގައި މިހޭދަކުރަނީ. އޭނާ ބުނި ވާހަކަ އަކީ، ހަނގުރާމަ ހިނގަމުންދާ މުސްލިމުންގެ ބިމެއްގައި އެންމެ ދުވަހަކު ވެސް މަޑުކޮށްލަން ލިބިއްޖެނަމަ، އެއަށްވުރެ ވަކި ބޮޑު ހެޔޮކަމެއް ކޮބައިހޭ؟ ކީރިތި ރަސޫލާގެ ހަދީސްއަކުން އެކަމުގެ ހެޔޮކަން އޭނާ ފާހަގަކުރި،" އުމުރުން ދުވަސްވީ މީހާގެ ހިތްވަރަށް ތައުރީފު ކުރައްވަމުން ފަރުހާން ވިދާޅުވިއެވެ.

އިސްރާއީލު ސިފައިން ހައްޔަރުކޮށް ދެއަތުގައި ކްލިޕް އަޅާ 24 ގަޑިއިރު، ކަނުބަނދެފައި ބޭތިއްބި ފުރާވަރުގެ ދެ ކުދިންނާ ވެސް ފަރުހާންއާ ބައްދަލުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބަންދުކޮށްފައި ތިބޭއިރު، ކުދިން ތުން ތަޅުވާލާކަން އެނގުނަސް ގައިގައި ތަޅައިގަނެއެވެ.

"އެކުދިން ޖަލުގައި ތިބެގެން ކުރި ކަމަކީ ޒިކުރު ކުރުން، އެ ކުދިން ބުނި އެކުދިންގެ ހާލަތު ﷲ ދެކެދެނެވޮޑިގެންވާ ކަމާއި އެކުދިންނާއެކު ﷲ ވޮޑިގެންވާކަމުގެ އިހުސާސްވިއޭ. އަދި ﷲ އެކުދިންގެ ދުޢާ ވަގުތުން އިޖާބަކުރެވި ކަމުގެ އިހްސާސްވި ވާހަކަ،" އޭނާ ހިއްސާކުރެއްވިއެވެ.   

ފަރުހާން ވިދާޅުވި ގޮތުގައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުންނަށް އަންގާފައި އޮންނަނީ ހޮސްޕިޓަލުން ނުނިކުތުމަށެވެ. ނަމަވެސް އޭނާ މަޑުކުރި ހޮސްޕިޓަކީ ވެސް އޭގެ ތިން ދުވަސްކުރިން އިސްރާއީލުން ހަމަލާދިނުމުގެ ސަބަބުން ފާރުތަކުގައި ބާގަނޑު ހެދިފައި ހުރި ހޮސްޕިޓަލެކެވެ. އެ ހަމަލާގައި އެތައް ބަޔެއްގެ ފުރާނަ ގެއްލި ދިރިހުއްޓާ ނޫސްވެރިއަކު އަނދާލާފައިވެއެވެ.

ޣައްޒާގެ ކުޑަކުދިންނާ އެކު ވެސް ވަގުތު ހޭދަކުރައްވާ ފަރުހާން ވިދާޅުވި ގޮތުގައި ހޮސްޕިޓަލާއި ކައިރީގައި ހުންނަ މިސްކިތް ފުނޑާލަން އިސްރާއީލުން ފޮނުވާލި ބާރު ގަދަ މިސައިލު 18 މީޓަރު އަޑިއަށް ބިމުތެރެއަށް ވަދެފައިވެއެވެ.

އެ ސަހަރައްދުގެ މުސްލިމުން، މިސްކިތާއި އިންވެގެން ޓެންޓެއްގައި ނަމާދު ކުރަމުން ގެންދިޔައިރު، ކުޑަކުދިން ވެސް ނަމާދުތަކުގައި ބައިވެރިވެއެވެ. ތަރާވީހް ނަމާދު ކުރާއިރު ހަމަލާއެއް އަމާޒުވެދާނެކަމަށް ބަލައި ނަމާދު މެދުކަނޑާލަން ވެސް ޖެހެއެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކީ ވެސް، އެ މީހެއްގެ އާއިލާގެ މެންބަރުންތަކެއްގެ ކޮންމެވެސް ގުނަވަނެއް ގެއްލިފައިވާ މީހަކަށްވީ ނަމަވެސް، އެމީހުންގެ ފަރާތުން ފެންނަނީ ހިތްވަރާއި ހިތްހަމަ ޖެހުމާއެކު އުޅޭ މަންޒަރު ކަމަށެވެ. ވީރާނާވެފައިވާ ބައެއް އިމާރާތްތަކުން ލިބުނު އެއްޗަކުން ޒީނަތްތެރި ކުރުމާއި ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިނުމަށް އީދު ދުވަހު މީހުން ކުރި މަސައްކަތް ފަރުހާން އަށް ވަރަށް ގާތުން ފެނިފައިވެއެވެ.

އިސްރާއީލުން ހަމަލާދީ ހަލާކުކޮށްލާފައިވާ މިސްކިތެއްގެ ބޭރުގައި ފަލަސްތީނު މީހުން ނަމާދުކުރަނީ. -- ފޮޓޯ/ ސީއެންއެން

ރަމަޟާން މަހުގެ ފަހު ހަފުތާ ފެށުނީ، އިސްރާއީލުން ހުއްޓުމެއް ނެތި ބޮން އަޅަމުން ދާތާ ހަފުތާއެއް ފަހުންނެވެ. އޭގެފަހުން ހަމަލާދިނުން ހުއްޓާލާފައި އޮތުމަށް ފަހު، އީދު ވިލޭރޭ ހުއްޓުމެއް ނެތި، ޣައްޒާއަށް ބޮން އަޅަމުން ދިޔަ ކަމަށް ފަރުހާން ވިދާޅުވި އެވެ.

"ޢީދު ނަމާދަށް ފަހު، މަރާލާފައިވާ އެއް އާއިލާއެއްގެ ހަތް މެންބަރުން ހޮސްޕިޓަލަށް ގެނައި. އެއީ ހޮސްޕިޓަލާ ކައިރީހުރި މިސްކިތަށް (ޓެންޓަށް) ދިން ހަމަލާގައި ޝަހީދު ކޮށްލި އާއިލާއެއް. މުސްލިމުންގެ އުފާވެރި އީދު ދުވަހު ހޮސްޕިޓަލަށް ގެނައި އެ އާއިލާގެ ތިން ކުދިން ތިބީ އީދު ގަހަނާ އަޅާ އީދު ހެދުން ލައިގެން،" އަސަރާއެކު ވާހަކަ ކުރިއަށް ގެންދަވަމުން ފަރުހާން ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަލާ އަމާޒުކުރި މިސްކިތުގެ މުދިމަކީ ކޮންމެ ދުވަހަކު ކީރިތި ޤުރުއާން ޚަތިމުކުރާ އަޅުވެރިއެކެވެ. އަދި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހު، ޤުރުއާން ހަތިމުކުރި ހަތަރު އަންހެނުންނާއި ޤުރުއާން ހިތުދަސްކުރި 25 އަހަރުގެ ޒުވާނަކު ވެސް އެ ހަމަލާގައި ޝަހީދުކޮށްލިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މުސްލިމުން، މުޅި ދުވަހު ޤުރުއާން ކިޔަވަން ވަގުތު ހޭދަކޮށް ދުވާލަކު ޚަތިމެއް ކުރުމަކީ އާދަކޮށް ކުރާކަމެކެވެ. އަދި އެއީ ޤުރުއާނަށް އަމަލުކުރާ ބައެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުންނަކީ ބަލަން ކުޅަދާނަ ނޫން، ހިތަށް ކެތްނުވާވަރުގެ ދުނިޔެއެއްގައި ކޮންމެ ދުވަހަކު ވެސް އުޅެމުންދާ ބައެކެވެ. މަރުވެގެންނާއި ޒަޚަމް ވެގެން ގެންނަ މީހުނާއި ކުޑަކުދިންނަށް ލިބޭ އަނިޔާތައް އެންމެ ގާތުން ފެންނާނީ އެމީހުނަށެވެ. މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައި އޮތް މީހެއްގެ މޫނުގެ އެއްފަޅި، ބަނޑުހައިވެފައި ތިބޭ ކުއްތާތައް ކާލާފައި އޮތް މަންޒަރު ވެސް ފަރުހާންގެ ލޮލަށް ފެނިފައިވެއެވެ.

ކޮންމެ ދުވަހު އެފަދަ މަންޒަރުތަކާ ކުރިމަތިލުމަށް ހިތްވަރު ހޯދަނީ ކިހިނެތްތޯ ސުވާލުކުރުމުން ފަރުހާން ވިދާޅުވީ އެ ހިތްވަރު ދެއްވާ ސިކުނޑި އާއި ހިތަށް ހަމަޖެހުން ގެނެސްދެއްވަނީ ކުޅަދުންވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާ ކަމަށެވެ. އާދައިގެ އިންސާނަކަށް ދެ ދުވަހަށް ވެސް އެ މަންޒަރުތައް ބަލަން ކެތްނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަސް އެންބިއުލާންސެއްގައި ދަތުރުކުރަނިކޮށް އިސްރާއީލުގެ ސިފައިން ބަޑިން ހަމަލަދީ މަރާލި 15 ޕެރަމެޑިކުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ ވެސް ފަރުހާން ހޮސްޕިޓަލުގައި ހުންނަވަނިކޮށެވެ. ފަލަސްތީނު ރެޑް ކްރެސެންޓުގައި މަސައްކަތްކުރާ ހަ މީހަކާއި ސިވިލް ޑިފެންސުގައި މަސައްކަތް ކުރާ އަށް މީހަކާއި އަދި އިތުރު މީހަކު ޝަހީދުކޮށްލާ އެއް ވަޅުގަނޑެއްގައި ވަޅުލާފައިވަނިކޮށް، ފެނުނީ އެ ހާދިސާ ހިނގިތާ އަށް ދުވަސް ފަހުންނެވެ. އިސްރާއީލު ސިފައިން ފަސް މިނިޓް ވަންދެން ބަޑިން ހަމަލާދީ ގަސްދުގައި 15 މީހުން ޝަހީދުކޮށްލިކަން، މުޅި ދުނިޔެއަށް ފަޅާއެރީ އެ ހަމަލާ އަމާޒުވިއިރު، އެންބިއުލާންސުގައި އިން މީހަކު މަރާ ކުރިމަތިލަމުން އޭނާގެ މަންމައަށް ކުރި ވީޑިއޯ ކޯލުގެ ސަބަބުންނެވެ.

އިސްރާއީލުން ބަޑިން ހަމަލަދީ މަރާލި 15 ޕެރެމެޑިކުންގެ ހަށިގަނޑު، އަށް ދުވަސް ފަހުން ހޮސްޕިޓަލަށް ގެންދަނީ.-- ފޮޓޯ/ ބީބީސީ

ފަހުރާން ވިދާޅުވީ މަރުވިތާ އަށް ދުވަސް ފަހުން، ކޮނެގެން ނަގައިގެން ޝަހީދުންގެ ހަށިގަނޑުތައް ހޮސްޕިޓަލަށް ގެނައިއިރު، ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ކަމަށެވެ. އޭނާ ވިދާޅުވީ މަރުވާތާ އެއްގަނޑިއިރު ފަހުން، ހަށިގަނޑުގެ ކުލަ ބަދަލުވާން ފަށާއިރު، އަށް ދުވަސްފަހުން ގަބުރު އޮންނާނީ މީހަކު ބަލަން ކެރޭނެ ހާލަތެއްގައެއް ނޫނެވެ. ޝަހީދުކޮށްލި ދެ މީހެއްގެ ހަށިގަނޑުން ވެސް އެ މީހުން މަރާލާފައިވަނީ ބަޑިޖަހާ މަރާލައިގެންކަން އޮޓޮޕްސީން ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުހާން ވިދާޅުވި ގޮތުގައި އިސްރާއީލުގެ ސިފައިން ހަމަލާ ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ނޫސްވެރިންގެ ފޮޓޯ ގެންގުޅެއެވެ. ނޫސްވެެރިންނާއި ޑޮކްޓަރުން ފުރާނަ އަތްމައްޗަށް ލައިގެން ހަރަކާތްތެރިވަނީ އެކަން އެނގިތިބެއެވެ.

ފަރުހާން ވިދާޅުވީ އޭނާ އެނބުރި ގައުމަށް ދިއުމުގެ ކުރިން، ބާކީ ހުރި ކާބޯތަކެތި ހަދިޔާ ކުރީ، އިނގިރޭސިވިލާތަށް އަނބިދަރިން ދޫކޮށްފައި ޣައްޒާގައި ދޮޅު އަހަރު މެދުނުކެނޑި އުޅެމުންދިޔަ ފަލަސްތިނުގެ ޑޮކްޓަރަކަށެވެ. ޒިޕް ބޭގަކަށް އަޅާފައިހުރި، ކަނޑުމަސް ކޮޅަކާއި ތިން ކަދުރާއި ޕްރޮޓީން ބާ އަކީ އެ ޑޮކްޓަރު އުފަލާއެކު ގަބޫލުކުރި ހަދިޔާއެކެވެ. ފަރުހާން ވިދާޅުވީ، އެވަރުގެ ކެއުމެއް ވެސް އެ ޑޮކްޓަރަަށް ނުލިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ފަރުހާން ފާހަގަކުރެއްވި ގޮތުގައި ޣައްޒާއަށް ޚިދުމަތްކުރަންދާ ގިނަ ޑޮކްޓަރުންނަކީ ސޯޝަލް މީޑިޔާގައި އެމީހުން ކުރާ ކަންކަން ހިއްސާކުރަން ބޭނުންވާ ބައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ޑޮކްޓަރުން ޚިދުމަތްކުރާ ހޮސްޕިޓަލުތަކަށް ހަމަލާ ދިނުމަކީ އިސްރާއީލުން، ފަސްޖެހޭ ކަމަކަށްވާއިރު، ހުޅަނގުގެ ޑޮކްޓަރުން ޣައްޒާގައި ތިބުމަކީ ޣައްޒާގެ މުސްލިމުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

"ޑޮކްޓަރުންނަށް ބުނަން ބޭނުމީ، ކޮންމެ ތަނެއްގައި ހުއްޓަސް ވަގުތު ޖެހުމުން މަރާ ބައްދަލުކުރަން ޖެހޭނެއޭ. ކިޔަވައިގެން ޑޮކްޓަރަކަށް ވެވެނީ ﷲ ގެ އިރާދަފުޅާއެކުގައޭ. އެކަމުން ލިބޭ އާމްދަނީ މި ހޭދަކުރަނީ ދުނިޔޭގައި އުޅުމަށް. ކޮބައިތޯ އާޚިރަތަށްޓަކައި ކުރެވުނު ކަމަކީ، އަމިއްލަ ނަފްސާ ސުވާލުކޮށްލާ،" އިންޓަވިއު ނިންމާލައްވަމުން ފަރުހާން އެދިވަޑައިގަތީ، ޣައްޒާއަށް މި ވަގުތަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް ޚިދުމަތް ކޮށްދެވޭނެ ޑޮކްޓަރުން ފަސްޖެހިފައި ނުތިއްބެވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު