ENGLISH
30 މޭ 2026
އެސްއޯއީތަކުން ފައިދާގެ ގޮތުގައި 160 މިލިއަން ރުފިޔާ
30 މޭ 2026
|
މާލީ ވުޒާރާ.
އެންމެ މަޤްބޫލު
މި އަހަރުގެ މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް 160 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މާލީ ކަންކަމާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 258 މިލިއަން ރުފިޔާއަށް ވުރެ 36 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑުން ދައުލަތަށް ލިބޭޭނެކަމަށް ކަނޑައަޅާފައިވަޏި 552 މިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ މިހާތަނަށް ލިބިފައިވަނީ 30 އިންސައްތަ އެވެ.
މާލީ ވުޒާރާއިން ބުނީ ޑިވިޑެންޑުން ލިބޭ އާމްދަނީ ދަށްވާ މައިގަނޑު އެއް ސަބަބަކީ، ކުންފުނިތަކުގެ ފައިދާ ދަށްވުން ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ޑިވިޑެންޑާއި އެހެން ގޮތް ގޮތުން ދައުލަތަށް ފައިދާ އާއި އިންޓްރެސްޓްގެ ގޮތުގައި 769 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މީގެ ތެރެއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ، މުޅި ޖުމްލަ 243 މިލިޔަން ރުފިޔާއެވެ. މިއީ ބަޖެޓުގެ 31 އިންސައްތަ އެވެ.
މިދިޔަ އަހަރު ޑިވިޑެންޑާއި ފައިދާތަކުން ދައުލަތަށް 823 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތުގައި ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް އިރު ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަ ކުންފުނިންނެވެ. އެއީ އެމްޕީއެލް އާއި އެމްއޭސީއެލް އާއި ދިރާގާއި ބީއެމްއެލް އާއި އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އިންނެވެ. އެންމެ ބޮޑު އާމްދަނީ ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ ދިރާގުންނެވެ. އެއީ 262 މިލިއަން ރުފިޔާ އެވެ.
އަދި ބީއެމްއެލްއިން 154 މިލިއަން ރުފިޔާ، އެމްއޭސީއެލް އިން 50 މިލިއަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިއަން އަދި އެޗްޑީސީ އިން 20 މިލިއަން ރުފިޔާ އަދި އެމްޕީއެލް އިން 12 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މިދިޔަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ ތިން ކުންފުންޏަކުން ނެވެ. އެއީ ދިރާގާއި ބީއެމްއެލްގެ އިތުރުން އެޗްޑީސީ އެވެ.