ENGLISH

30 މޭ 2026

Advertisement

ޓެކުހުގެ ބުރަ ނުޖައްސައި މި ސަރުކާރުން ވަނީ ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައި: ހަމްދާން

30 މޭ 2026

|

އައިމިނަތު ޝަފާ

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް

ރައްޔިތުންނަށް ޓެކުހުގެ ބުރަ ނުޖައްސައި މި ސަރުކާރުން ވަނީ ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައިކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އައު ގާނޫނު އަސާސީއާއެކު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށާއި، މި ދަރަނިން ގައުމު ސަލާމަތްކުރުމުގެ ވިސްނުމާއި ބުއްދި ހުރީ ހަމައެކަނި އެމްޑީޕީންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނަށް ދެއްވި ރައްދުގަ އެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން އެ ރަށުގެ ޕާޓީ މެންބަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށް ވުރެ ގައުމުގެ ދަރަނި މާ ބޮޑަށް އުފުލިފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ގައުމުގެ ދަރަނި އަދާކުރައްވަން ނުއުޅުއްވާކަމަށް ސަރުކާރުގެ އަމާޒު ހުރީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އެމްޑީ ޝަކީލް ވަނީ މާޒީގައި އެމްޑީޕީން ކަންތައް ކުރަމުން އައި ގޮތަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖޭގެ ދަރަނި ޖީ.ޑީ.ޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި، އެ އަދަދު 97 އިންސައްތައަށްވުރެ މައްޗަށް އުފުލައިލިކަމަށް ވިދާޅުވި އެވެ. އަދި 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީ.އެސް.ޓީ ތައާރަފުކުރުމަށްފަހު، ހައެއް އިންސައްތައަށް ޓެކްސް ބޮޑުކުރިކަމަށް ހަމްދާން ވިދާޅުވި އެވެ. މީގެއިތުރުން، އެމް.ޑީ.ޕީގެ ދެވަނަ ދައުރުގައި ދައުލަތުގެ ދަރަންޏަށް އިތުރު 77 ބިލިއަން ރުފިޔާ އިތުރުކޮށް، ޖީ.އެސް.ޓީ އަށެއް އިންސައްތައަށް ބޮޑުކުރިކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަންތަކުގައި ކަންކުރަމުން އައި ގޮތާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޓެކުހުގެ އިތުރު ބުރައެއް ޖެއްސުމެއްނެތި، ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެއް ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ހަމްދާން ފާހަގަކުރެއްވި އެވެ. 

ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ރައްޔިތުންނަށް އޮޅުވައިލެވިދާނެ ކަމަށް ހީފުޅުވިޔަސް ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުން ތަހައްމަލުކުރި ހިތްދަތި ހަނދާންތައް އަދިވެސް ހިތްތަކުން ފިލައިގެން ނުދާކަމަށް ހަމްދާން ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު