ENGLISH
16 އޭޕްރީލު 2025
ޓްރަމްޕްގެ އެންގެވުންތަކަށް ދެކޮޅު ހެދުމުން، ހާވާޑް ޔުނިވަރސިޓީގެ 2 ބިލިއަން ޑޮލަރުގެ ބަޖެޓު ހިފަހައްޓައިފި
15 އޭޕްރީލު 2025
|
ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުން ހުއްޓުވަންކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެންގި އެންގުންތަކަށް ދެކޮޅު ހެދުމުން، އެ ޤައުމުގެ ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ ބަޖެޓުގެ ތެރެއިން ދެ ބިލިއަން ޑޮލަރު ހިފަހައްޓައިފިއެވެ.
ހާވާޑް ޔުނިވަރސިޓީ އަކީ މުޅި ދުނިޔޭގައި ވެސް ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީއެވެ.
އެމެރިކާގެ ފެޑެރަލް ސަރުކާރުން ދޭ ފަންޑު ހިފެހެއްޓީ ޔުނިވަސިޓީ ހިންގުމާއި އެތަނަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާ އުސޫލުތައް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން އެންގި އެންގުންތަކަށް ޢަމަލުކުރަން ދެކޮޅު ހެދުމުންނެވެ.
ސަރުކާރުން ހާވާޑަށް ފޮނުވި ސިޓީގައި ޑިމާންޑްކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖިންސީ އަދި ފިކުރީ ވިސްނުންތަކަށް ބެލުމެއް ނެތި ދަރިވަރުންނަށް ފުރުޞަތު ދިނުން ހުއްޓާލުމާއި ބޭރުގެ ދަރިވަރުންގެ ތެރެއިން "ޓެރަރިޒަމާއި ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ފިކުރަށް ތާއީދުކުރާ ދަރިވަރުން" ޔުނިވަސިޓީއަށް ނުވެއްދުމާއި މުވައްޒަފުން ނެގުމުގައި ވެސް މިފަދަ އުޞޫލުތައް ގެންގުޅުން ހިމެނެއެވެ.
ހާވަޑްގެ ރައީސް އެލަން ގާބަރ ދަރިވަރުންނާއި ފެކަލްޓީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ފެޑަރަލް ސަރުކާރުން އެ ޔުނިވަރސިޓީއަށް ޖެއްސުންކޮށް، ޔުނިވަރސިޓީ ހިންގުމުގެ މިނިވަންކަމާއި ޤާނޫނުއަސާސީން ލިބިދީފައިވާ ހައްޤުތައް ހަނިކުރުމަށް ފުރުޞަތު ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
އޭގެ ރައްދުގައި، ޔަހޫދީންނާ މެދު ނަފްރަތު އުފެދޭ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓްރަމްޕް އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ނެރުނު ބަޔާނެއްގައި ބުނީ، ހާވާޑް ޔުނިވަރސިޓީއަށް ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ބަޖެޓުގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރުގެ ކޮންޓްރެކްޓުތައް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
ޔަހޫދީ ދަރިވަރުންނަށް ފުރައްސާރަކުރި ކަމުގެ ނަމުގައި، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރި ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދިން އިންޒާރުތަކަށް ފަހު ކޮލަމްބިޔާ ޔުނިވަރސިޓީގެ 400 މިލިއަން ޑޮލަރުގެ އެހީ ވެސް އެމެރިކާގެ ސަރުކާރުން ވަނީ ކަނޑާލައިފައެވެ.