ENGLISH

28 އޭޕްރީލު 2025

Advertisement

ކަސްޓޯޑިއަލްގައި މީހަކު ދަންޖެހުނު މައްސަލަ: އެޗްއާރްސީއެމްގެ ހުށަހެޅުންތަކެއް

14 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުޅުދުއްފުށީ ޕޮލިސް -- ފައިލް ފޮޓޯ

ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލަ ނަފްސަށް ގެއްލުން ދީފައިވާ މައްސަލާގައި ފާހަގަ ކުރެވުނު ކަންކަމާއި ގުޅިގެން އެޗްއާރުސީއެމްގެ ތަހުޤީޤަށް ފާހަަގަކުރެވުނު ކަންކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށް ފަރުވާ ދެމުންދިޔަ މީހާ މި މަހުގެ 10 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ.

އެޗްއާރުސީއެމުން މިރޭ ބުނީ މި މައްސަލައާ ގުޅިގެން، ކަންހިގައިދިޔަގޮތާއި، އެދުވަހު ޑިޔުޓީގައި ޙަރަކާތްތެރިވި އޮފިސަރުންނާއި ޢާއިލާގެ ބަހެއް ހޯދުމަށްޓަކައި ކޮމިޝަނުން ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އަދި ކޮމިޝަނުގެ ތަޙްޤީޤު ޓީމުން، ކުޅުދުއްފުށީގައި ޙަރަކާތްތެރިވަމުންދަނިކޮށް، އެރަށު ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކުރި ޚަބަރު ލިބުމާއި ގުޅިގެން، މިކަމުގައިވެސް ކަންހިނގާފައިވާ ގޮތް ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.

މި ދެ މައްސަލަ އަކީ މިހާރު ވެސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ ދެ މައްސަލަ ކަމަށާ މީގެއިތުރުން ވެސް، 2022 ވަނަ އަހަރު ޕޮލިސް ކަސްޓޯޑިއަލް ޖަލު ބަންދުގައި ހުރި މީހެއް އަމިއްލަ ނަފުސަށް ގެއްލުން ދީފައިވާ މައްސަލަ ވެސް ކޮމިޝަނުން ތަޙުޤީގު ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ މަރުކަޒުތަކެއްގެ އެތެރެއާއި ބޭރު ފެންނަގޮތަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ކޮމިޝަނުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި ކޮމިޝަނުގެ ހުށަހެޅުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިއްސާކޮށްފައިވާ މަޢުލޫމާތުގައި، އެ އިދާރާގެ މަރުކަޒުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބަޖެޓް ލިބުމުގެ ދަތިކަން ހުރިކަން ފާހަގަކޮށްފައިވާ ކަމަށާ އެހެންނަމަވެސް، މަރުހަލާތަކަކަށް ބަހާލައިގެން މިކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދު ކުރެވޭ މަރުކަޒުތަކުގައި ފަހަކަށްއައިސް އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހާދިސާތައް އިތުރުވަމުންދާތީ ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް، މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، ޖަލުތަކާއި ސްޓޭޝަންތަކާއި މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރެވެން ދެސް، ދައުލަތުގެ ބެލުމުގެ ދަށުން ބަންދު މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތައް ތިބޭ ގޮޅިތައް ގަވާއިދުން، ގިނަ ވަގުތު ހޭދަނުވާނެ ގޮތަށް ގާތުން މޮނީޓަރ ކުރުމަކީ މުހިންމު ކަމެއްކަމަށް ވާތީ، މިފަދައިން މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސަވައި ދިނުމަށް ވެސް ގުޅުންހުރި އިދާރާތަކަށް ކޮމިޝަނުން ލަފާދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު