ENGLISH
16 އޭޕްރީލު 2025
ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ޚިޔާނާތް ހިންގުމުން ސަޢީދުގެ މައްޗަށް ދަޢުވާ ކޮށްދޭން އެދިއްޖެ
14 އޭޕްރީލު 2025
|
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު، ކުރީގެ ރައީސް ސޯލިހާ އެކު -- ފައިލް ފޮޓޯ
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު (މައިފޫނާ / ގދ.ވާދޫ) އާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދު (ހިންމިޔާ / ރ.އުނގޫފާރު) އަށެވެ.
ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށް އޭސީސީން ބުންޏެވެ.
އެ ނިންމުން ނިންމީ ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، އަޙްމަދު ސަޢީދު މުޙައްމަދު ބޯޑު މެންބަރުންނަށް ދޮގު މަޢުލޫމާތު ދީގެން ކަމަށެވެ.
މިގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށާއި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް، އޮޅުވާލާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
މި ދެ މީހުންގެ މައްޗަށް ދެ ކުށެއްގެ ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް ޢަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ.