ENGLISH

16 އޭޕްރީލު 2025

Advertisement

ދުންފަތުން ޑިއުޓީ ބޮޑުކުރީ ދައުލަތަށް ފައިދާއަކަށް ނޫން، ރައީސްގެ ނިންމެވުމުން މިކަން ހާމަވޭ: ހަމްދާން

14 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ސިއްޙީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ހަމްދާން ނާސިރާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުހައްމަދު.. --ފޮޓޯ: އެމްއެމްޓިވީ

ދުންފަތުން ޑިއުޓީ ބޮޑުކުރީ ދައުލަތަށް ފައިދާއަކަށް ނޫންކަމަށާއި އެކަން ސާފުކޮށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނިންމެވި ނިންމެވުމުން ހާމަވާކަމަށް، ސިއްޙީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ހަމްދާން ނާސިރު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ، ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ސަރުކާރަށް އިދިކޮޅުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށާއި ނަމަވެސް މިއީ ހެޔޮ ނިޔަތެއްގައި ނިންމި ނިންމުމެއް ކަމަށެވެ.

"" އުލަތުން ޓެކްސް ބޮޑުކުރަނީ ދައުލަތަށް ބޮޑު ފައިދާއެއް ވެއްދުމުގެ ގޮތުންނެއް ނޫން. ބައެއް ބޭފުޅުން ފާހަގަކުރައްވަމުން ގެންދިޔަ ޑިއުޓީ ބޮޑުކުރަނީ ދައުލަތުން އޭގެ ސަބަބުން ފައިދާ ހޯދުމުގެ ނިޔަތުގައޭ. އެއީ އެނިޔަތުގައި ކުރި ކަމެއް ނޫން ކަން އެމަނިކުފާނު (ރައީސް) ގެ ނިންމެވުމުން އެނގިގެން ހިނގައްޖެ. " - ޑެޕިއުޓީ މިނިސްޓަރ ހަމްދާން

އިތުރަށް ހަމްދާން ވިދާޅުވީ، ރައްޔިތުން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުތަކުގައި 7 އަތޮޅެއްގައި ސެސޭޝަން ޓްރެއިނިންގ ހިންގާފައިވާ ކަމަށާ އަދި ބާކީ ނުހިންގި ހުރި އަތޮޅުތަކަށް ހިންގުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ހަމަމިއާއެކު، 24 ގަޑިއިރު ޚިދުމަތް ލިބޭ ކޯލް ސެންޓަރެއް ޤާއިމްކޮށް ދުންފަތުގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެކޯލް ސެންޓަރުން ޚިދުމަތް ދޭކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެ އިތުރުން، ހަމްދާން ވިދާޅުވީ މުޅި ރާއްޖޭގައި ޕަބްލިކް ހެލްތްގެ ސްޓާފުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހަމްދާން ފަހަގަކުރެއްވިއެވެ.

ހަމްދާންގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަތް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓާރ ހަސަން މުހައްމަދު ވިދާޅުވީ، ދުންފަތް ހުއްޓާލާން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ޚާއްޞަ އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕްރެވެންޓިވް ހެލްތު ކެއާގެ ޕްރޮގްރާމްތައް ހުރިހާ ހެލްތު ކެއާ ފެސިލިޓީއެއްގައި ހިންގުމަށް ލާޒިމުކޮށް މިހާރު އެ ޕްރޮގްރާމްތައް ކުރިއަށްދާ ކަމަށެވެ.

ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމައިފައެވެ. މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު