ENGLISH

08 ޖުލައި 2025

Advertisement

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

14 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މިއަދުގެ 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން ރައްޔިތުންގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އިދިކޮޅު އެމްޑީޕީގެ މެމްބަރު މީކާއިލު އަހުމަދު ނަސީމް އިމިގްރޭޝަންގެ ގާނޫނަށް މިދިޔަ އަހަރުގެ މެއި މަހު ހުށަހެއްޅުއްވި އިސްލާހާ ގުޅޭގޮތުން ގޮތެއް ނިންމުމަށެވެ.

ގާތްގަނޑަކަށް 4 މިނެޓަށް ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި މެމްބަރުން ވަނީ އެ ބިލަށް އިސްލާހު ގެނައުމަށް ނިންމަވާފަ އެވެ. 

ކޮމިޓީން ގެނައި އެންމެ ބޮޑު އިސްލާހަކީ، އިޒްރޭލު ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެނުވެވޭ ގޮތަށް ބިލުގައި އޮތް ބައި އުނިކުރުމެވެ. އެގޮތަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. 

އެބައި އުނިކުރެއްވުމަށް ހުށަހެޅުއްވުމުގެ އިތުރަށް ޝާހިދުވަނީ 2023، އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތައް ހުއްޓައިލަންދެން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާވެފައި އޮންނާނެ ގޮތަށް ގާނޫނު ފަރުމާކުރުމަށް ހުށަހަޅުއްވާފައެވެ. 

"7 އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންގެންދާ ލާ އިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެެއް ކަމަށް އަޅުގަނޑު ހުށަހަޅަން" ޝާހިދު ވިދާޅުވިއެވެ. 

އެ ބައި އުނިކުރުމަށްފަހު ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އެ ބިލު ފާސްކުރުމަށް މިއަދު ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ.

ކިޔުންތެރިންގެ ހިޔާލު